މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ކުށްތަކަށް އަރައިގަންނަ މީހުން ރިމާންޑް ސެންޓަރެއްގައި ބަންދުކުރަން ނެޝަނަލް ޑްރަގް އޭޖެންސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އެކަމުގެ މައުލޫމާތު ދިނުމަށް މިއަދު ފުލުހުންނާއި އެންޑީއޭ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑްރަގް އެންފޯސްމަންޓުގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ އެ އޮޕަރޭޝަނުގެ ތެރެއިން ބަންދު ކުރަނީ, މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މަގުމަތީގައި ސަލާންޖަހަން އުޅޭ މީހުންނާއި ވައްކަމާއި ފޭރުން ފަދަ ކުށްތަކަށް އަރައިގަންނަ މީހުންގެ އިތުރުން މަގުމަތީގައި މަސްތުގެ ހާލުގައި ތިބޭ މީހުން އަދި މިސްކިތްތަކުގައި ނިދާ ހަދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން 9 އޮކްޓޯބަރު 2024 އިން ފެށިގެން މިހާތަނަށް 14 މީހުން ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރެއްގައި ބަންދުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނާހިދު ވިދާޅުވީ، ބަންދުކުރި މީހުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބަންދުން ނުވީއްލި، ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ޗެއާމަން އަދި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވީ ކޯޓަކުން މީހަކު ރިމާންޑް ޖަލެއްގައި ބަންދުކުރަން އަމުރުކުރަނީ އެ މީހެއްގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުން ނުވަތަ ފަރުވާ ބޭނުންވުމުން ކަމަށެވެ.
އެގޮތަށްވެސް ކޯޓުން ޖަހަނީ 30 ދުވަސް ކަމަށްވާތީ، އެ މުއްދަތުގައި ރިމާންޑް ސެންޓަރުގައި ފުރަތަމަ ފަރުވާ ދިނުމަށްފަހު ރެސިޑެންޝަލް ފަރުވާއަށް މަސައްކަތް ބަދަލުކުރާނެ ކަމަށެވެ. އޭރުން ފަރުވާ ނުހުއްޓި ކުރިއަށް ގެންދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު