ރަސްފަރި ފަރު އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ވޯޓާ އެންޑް ސެވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރިސާޗް އުޅަނދު، އާރުވީ ތިމާވެށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އީޕީއޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ. އެ ރަސްމިއްޔާތުގައި އީޕީއޭ އަދި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އީޕީއޭ އިން އިސްނަގައިގެން ކުރިއަށްގެންދާ ރަސްފަރީގެ ފަރުތަކާއި މުރަކަތައް އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫއަށް އެ ކުންފުނިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށާއި އެގޮތުން، އެ މަޝްރޫއުގައި ބޭނުންކުރަމުންދާ އާރުވީ ތިމާވެށި އުޅަނދުގައި އެމްޑަބްލިޔުއެސްސީން ފެން ޕްލާންޓެއް ބެހެއްޓުމާއި ސާވޭ ކުރުމަށް ބޭނުންވާ ސާމާނު ހޯދައިދިނުން ހިމެނޭ ކަމަށެވެ. އަދި އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ މަޝްރޫއަށް ބޭނުންވާ ފެން ފޯރުކޮށްދިނުމާއި ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުންވެސް ހިމެނޭ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ރަސްފަރި ފަރަކީ 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. އަދި އެއީ މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދެވެ. ނަމަވެސް 2021 ވަނަ އަހަރުގެ އޮގަސްޓު މަހު ރަސްފަރި ފަރަށް ބާޖެއް އަރައި، 2،800 އަކަ މީޓަރަށްވުރެ ބޮޑު ފަރުގެ ސަރަހައްދެއް ވަނީ ހަލާކުވެފައެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ އެއްބަސްވުމަކީ ރާއްޖޭގެ ކަނޑުގެ ވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމްޑަބްލިޔުއެސްސީން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެމްޑަބްލިޔުއެސްސީއަކީ ތިމާވެށި ހިމާޔަތްކޮށް އަދި ރައްކާތެރިކުރުމަށް ކުރިއަށްގެންދެވޭ މިފަދަ ހަރަކާތްތަކަށް އަބަދުވެސް އެއްބާރުލުންދޭ ކުންފުންޏެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު