ގދ. ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ނަޑެއްލާ ޖެޓީ މަގުން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ވަކަރުތަކެއް ބަރުކުރަން މަޑުކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީގައި ހުރި މީހެއްގެ ގައިގައި ޖެހިފައިވާ ކަމަށް ރޭ 12:05 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި ސައިކަލުގައި ތިބި 18 އަހަރުގެ ދެ ފިރިހެނުންނާއި ޕިކަޕް ކައިރީގައި ހުރި 47 އަހަރުގެ ފިރިހެން އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލު ދުއްވީ ލައިސަންސް ނެތް މީހެއް ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ސައިކަލު ދުއްވި މީހާ އާއި ޕިކަޕް ކައިރީގައި ހުރި މީހާ އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ. އެ ދެ މީހުންނަށް ވެސް ފަރުވާދެނީ އައިޖީއެމްއެޗު ހޮސްޕިޓަލްގެ އައިސީޔޫގައިކަން އެނގިފައިވެއެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބޭ ގޮތެއް ނުވިއެވެ.