ރާއްޖެއަށް އެތެރެކުރި ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ މި މަހުގެ 14 ވަނަ ދުވަހު މެލޭޝިއާ އިން ރާއްޖެއައި އިންޑިއާގެ އުމުުރުން 41 އަހަރުގެ ފިރިހެނަކާއި އުމުުރުން 38 އަހަރުގެ އަންހެނެއްގެ އަތުން ކަމަށެވެ. އެ މީހުން އެ ތަކެތި ގެނެސްފައިވަނީ ލަގެޖުގައި ރައްކާކޮށްގެން ކަމަށްވެސް ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، އެ މީހުންގެ ލަގެޖުން ފެނިފައިވަނީ ހެރޮއިން ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު ޖުމުލަ 2.05 ކިލޯ ހުރި ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ބުންޏެވެ.

ކަސްޓަމްސް އިން ވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ހިމެނޭ ދެ މީހުން ފުލުހުންނާ ހަވާލުކޮށްފައެވެ.