ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ކަންތައްތަކުގެ މައްސަލަތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ޖޫރިމަނާ ކުރާ ފަރާތްތަކުން ޖޫރިމަނާ ނުދައްކާ ފަރާތްތަކެއްގެ ލިސްޓެއް ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.

އެ ލިސްޓާ ބެހޭގޮތުން ވާހަކަދައްކަވަމުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ، އެ ފަރާތްތަކުން ޖޫރިމަނާ ނުދައްކައިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ ވެސް ކޮމިޓީން މަޝްވަރާކޮށްފައިވާ ކަމަށެވެ.

"އެ ބޭފުޅުންވެސް ވިދާޅުވެފައިވަނީ، އޭޖީއާ މަޝްވަރާކޮށްގެން އެކަމަށް ހައްލު ގެނެވިދާނެ ކަމަށް، އަދި އެހެން ފަރާތްތަކުންވެސް ބުނޭ އެގޮތަށް،" ހަސަން ޒަރީރު ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލައާ ގުޅިގެން އޭޖީ ކޮމިޓީއަށް ހާޒިރުކުރަން ހަސަން ޒަރީރު ހުށަހެޅުއްވިއެވެ.

އޭޖީ ހާޒިރުކުރަން ފާސްކުރީ، އެ ހުށަހެޅުމަށް ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބުދުﷲ ޝަޒީމް ތާއީދު ކުރައްވައިގެންނެވެ.