ތ. ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ 30 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

ކިނބިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ އެޕްރިލް 18 ގައެވެ. އެ މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުން 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއަކީ 148.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.