ސަރުކާރުން ބޭކާރު ގޮތުގައި އުފައްދާފައިވާ ކުންފުނިތައް މިއަދުން މިއަދަށް އުވާލުމަށް، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާއްލައްވައިފިއެވެ.

ސަރުކާރުން ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑު ކުރުމަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި މިއަދު ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ، ރާއްޖޭން މިހާރު ޓެކްސް ނަގަމުން އަންނަނީ ދުނިޔޭގެ ކުރިއަރަމުން އަންނަ އިގުތިސާދުތަކަށްވުރެ ވެސް ބޮޑުކޮށް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ރައީސަކުވެސް އެ ރައީސެއް ބޭނުންވާ ކުންފުނިތައް އުފައްދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"މިފްކޯ އާއި އައިލެންޑް އޭވިއޭޝަނަށް އެކަނި ބަލާލިޔަސް އެއް ބިލިއަން ޑޮލަރު ކަނޑަށް އަޅައިލީ، ދެން އަޅުގަނޑުމެން އިތުރަށް ކިތަންމެ ޓެކްސް އެއް ނެގިޔަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ، މިއަދުން މިއަދަށް މިހާރުން މިހާރާށް މި ހިންގާ ޖަރީމާ ކުންފުނިތައް ވަގުތުން ހުއްޓައިލުން، މި ހުސް ޖަރީމާ ހިންގާ ކުންފުނިތައް ވައްކަންކުރާ ކުންފުނިތައް މި ކުންފުނިތައް ޖެހޭނީ މިއަދުން މިއަދަށް ހުއްޓާލަން. އެހެން ނޫނީ މި ގައުމު އިނދަޖެހި ގެންދާނީ އަންނަން އޮތް ޖީލުތަކަށް،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމު ވިދާޅުވީ ރާއްޖޭގެ އާމްދަނީ ދަށްވެގެން އުޅެނީ ޓެކްސް ނަގާ މިންވަރު މަދުވެގެން ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަކީވެސް ލާރި ގެނެސްގެން މި ގައުމުގައި އިންވެސްޓް ކޮށްގެން އުޅޭ ބައެއް، ވިޔަފާރިވެރިން އެ ނަގަނީ 10 އަހަރު 12 އަހަރު ބޮޑު ފީސިބިލިޓީއެއް ހަދައިގެން އެ ފީސިބިލިޓީގެ ދަށުން އެ މީހުންނަށް ފައިދާ ލިބޭނެ ގޮތް ބަލައިގެން، އެހެން ނަމަވެސް މި ގައުމުގައި އަންނަ ސަރުކާރުން ޓަސް ޓަސްލާފައި ބޮޑެތި ޓެކްސްތައް ނަގާއިރުގައިވާނެ ގޮތަކާމެދުގައި ވިސްނަން އެބަ ޖެހޭ،" ސިޔާމް ވިދާޅުވިއެވެ.