މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ހުޅުމާލޭގެ އުތުރު ފަރާތު ފަރަށް އެރި ޓަގުބޯޓާއި ހިލަ ބާޖު އޮޕަރޭޓް ކުރަމުންދިޔަ ފަރާތް 29 މިލިއަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނީ، ދުބާއީގެ ޝިޕް މެނޭޖުމަންޓް ކުންފުންޏެއް ކަމަށްވާ ދަ މިޑްލްއީސްޓް މެރިން އެލްއެލްސީ އިން އޮޕަރޭޓް ކުރަމުންދިޔަ ޓަގު ބޯޓު 'އަނާދީ' އާއި ބާޖު 'އޭއެމް މަނުމިޓް' ހުޅުމާލޭ ފަރަށް އެރި ހާދިސާގައި ފަރުގެ 1،159 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ފެބްރުއަރީ 21 އިން ފެށިގެން އެޕްރީލް 23 ވަނަ ދުވަހާ ހަމައަށް އެ އުޅަނދުތައް ފަރުމަތީގައި އޮތް ކަމަށް އީޕީއޭ އިން ބުންޏެވެ.
ފަރަށް ލިބުނު ގެއްލުން ވަޒަންކުރުމަށް އުޅަނދުތަކުގެ ވެރިފަރާތުން ހަމަޖެއްސި ސާވޭޔަރުންނާއެކު އީޕީއޭ އިން ހެދި ޖޮއިންޓް ސާވޭގެ ނަތީޖާއަށް ބިނާކޮށް، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން އުޅަނދުތަކުގެ ވެރިފަރާތް 29،201،946 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.
އީޕީއޭ އިން ބުނީ ޖޫރިމަނާގެ ފައިސާ ދެއްކުމަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު