މާލެ އާއި ހުޅުލެ މޮނޮރެއިލުން ކ. ފުނަދޫއާ ގުޅާލުމަށް ހިންގާ މަޝްރޫއު، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ހަވާލުކޮށްފިއެވެ.

ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކ. ފުނަދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އިތުރުން މާލެ ވަން ޓްރެކް މޮނޮރެއިލުން ގުޅާލުމުގެ މަޝްރޫއު ބީޔޫސީޖީއާ ހަވާލުކުރުމަށް އެމްއޭސީއެލުން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ މަޝްރޫއު ބީޔޫސީޖީއާ ހަވާލުކުރުމަށް އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ލުއޯ ވެއި އެވެ.

މާލެ އާއި ހުޅުލެ މޮނޮރެއިލުން ފުނަދޫއާ ގުޅާލުމަށް ހިންގާ މަޝްރޫއަށް ފަންޑުކުރުމަށް ހަމަޖެހިފައިވަނީ ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އިންނެވެ. އިފްޒާއާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މިދިޔަ މެއި މަހު އިއުލާންކުރައްވައިފައެވެ.

އެކަން އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ ފުނަދޫގައި ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ފުނަދޫ ތަރައްގީކުރުމަށް ހަމަޖެހިފައިވާ އިރު، އެތަނުގެ ފިޒިކަލް އިންފްރާންސްޓްރަކްޗާ ވަރަށް މުހިއްމު ކަމަށެވެ.

"އެހެންވީމަ ފުނަދޫގައި ފިޒިކަލް އިންފްރާންސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި އެންމެ ޒަމާނީ އިމާރާތެއް ފުނަދޫގައި ގާއިމުކުރުުމުގެ މަސައްކަތް ކުރުމަށް ބަޔަކާއެކު ވަނީ ސޮއިކުރެވިފައި، އެއީ އިންޓަނޭޝަން ފްރީޒޯން އޮތޯރިޓީއާއެކު،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ އެކަމަށްޓަކައި ފުނަދޫގައި މިހާރު ގާއިމުކޮށްފައި ހުރި ފިއުލް ސްޓޯރޭޖް މާލޭ ކައިރިން ތަނެއް ހިއްކައިގެން އެތަނަށް ބަދަލުކުރުމުގެ މަސައްކަތްވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ 18 މަސް ދުވަހުގެ ތެރޭގައި ކޮށް ނިންމާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.