ގްރީން ޓެކްސް ނަގާ އަދަދު 12 ޑޮލަރާ ހަމައަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޓޫރިޒަމް ގާނޫނު އިސްލާހުކުރަން ނިންމައި ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން 50 ކޮޓަރިއަށްވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ވަނީ ހުށަހަޅައިފައެވެ. އަދި ރިސޯޓުތަކުން ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނެގުމަށް އިސްލާހު ވަނީ ހުށަހަޅައިފައެވެ.

ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނެގުމަށް ވަނީ ހިމަނައިފައެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

މި އިސްލާހާއެކު ދައުލަތަށް އިތުރަށް 963 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މެންބަރު މުހައްމަދު މުސްތަފާ ވަނީ ޓީޖީއެސްޓީން މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރު ޖޫން މަހުން ފެށިގެން 17 ޕަސެންޓަށް ބޮޑުކުރަން ވެސް ހުށަހަޅައިފައެވެ.

މި އިސްލާހާއެކު ދައުލަތަށް އިތުރަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޑީޕާޗާ ޓެކްސް ވެސް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ. އެގޮތުން ޑިސެމްބަރު އެކަކުން ފެށިގެން އިކޮނޮމިކް ކްލާސް އިން ފުރާ ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށް ވަނީ ނިންމައިފައެވެ. ބިޒްނަސް ކްލާސް އިން ދަތުރު ކުރާ ދިވެހިންނާއި ބިދޭސީން އަތުން 120 ޑޮލަރު، ފަސްޓް ކްލާސްއިން ދަތުރު ކުރާ ދިވެހިންނާއި ބިދޭސީން އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓްގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 480 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައެވެ.

މި ތިން ބިލު ވެސް ވަނީ މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައެވެ.

ސަރުކާރުން ޓީޖީއެސްޓީ ބޮޑު ކުރަން ހުށަހަޅާފައިވާ އިރު، މީގެ ކުރިން ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ނުކުރާނެ ކަމަށް ބުނެފައެވެ. އަދި ސަރުކާރުން ވަނީ ރައްޔިތުންނާ ގުޅުން ހުރި އެއްވެސް ޓެކްސްއެއް ބޮޑު ނުކުރާނެ ކަމަށް ވެސް ބުނެފައެވެ.

ސަރުކާރުން ވަނީ އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޓެކްސް ބޭސް ފުޅާކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން ފަސް ކަމެއް ކުރުމަށް ވެސް ނިންމާފައިވެއެވެ. އެއީ؛

  • ޖީއެސްޓީ ނަގާ ތަކެތި އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުން
  • އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތައް ބޮޑުކުރުން
  • ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުން
  • ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ބޮޑުކުރުން
  • ރަލާއި، ދުންފަތް އަދި އޫރުމަސް ފަދަ ހާއްސަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ނުވަތަ އެ ސިޔާސަތަށް ބަދަލުތަކެއް ގެނައުން