ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 166 ފަރާތެއްގެ ނަން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.

މީރާ އިން އާންމުކުރި އެ ލިސްޓުގައި ހިމެނެނީ މިއަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ.

ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 166 ފަރާތުގެ ތެރޭގައި ބައެއް ބޮޑެތި ކުންފުނިތައް ވެސް ހިމެނެއެވެ. އެގޮތުން ބައެއް ބޮޑެތި ރިސޯޓުތައް ހިންގާ ފަރާތްތަކާއި މަޝްހޫރު ގެސްޓްހައުސްތައް ހިންގާ ފަރާތްތައް އަދި ޓުއާ އޮޕަރޭޓަރުން ވެސް ލިސްޓުގައި ވަނީ ހިމެނިފައެވެ.

ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ ލިސްޓުގައި ހިމެނޭ ބައެއް ފާހަގަކޮށްލެވޭ ނަންތަކުގެ ތެރޭގައި، ކިހާ މޯލްޑިވްސް ހިންގާ ކޮރަލް އައިލެންޑް ރިސޯޓްސް ކުންފުންޏާއި ސައުތު ޕާމް ރިސޯޓް ހިންގާ ކުންފުންޏާއި ވެލިދޫ އައިލެންޑް ރިސޯޓް ހިންގާ ކުންފުންޏާއި ސްޓޯން ހޮޓެލްސް ހިންގާ ކުންފުންޏާއި މިރިހި އައިލެންޑް ރިސޯޓު ހިންގާ ވިއެ މޯލްޑިވްސް ކުންފުންޏާއި ރަހާ ރިސޯޓް ހިންގާ ކުންފުންޏާއި ނަޒާކީ ހޮޓެލްސް އެންޑް ރިސޯޓްސް އާއި އެރިޔަދޫ ރިސޯޓް ހިންގާ ކުންފުންޏާއި ފިލިތެޔޮ ހިންގާ ތުރީއޭ ކުންފުނި އަދި ހޮނޑާފުށި ރިސޯޓް ހިންގާ ކުންފުނި ހިމެނެއެވެ.

ދާދި ފަހުން މީރާ އިން ވަނީ އިންކަމް ޓެކްސް ނުދައްކާ 43 ފަރާތެއްގެ ނަން ވެސް އާންމުކޮށްފައެވެ. އެ ލިސްޓުގައި ވެސް ގިނައީ ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރިތަކެވެ.