ދަރިވަރުން މޫނޫ ބުރުގާ އެޅުން މަނާކުރި ކަމަށްބުނެ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ، ނިގާބު އަޅައިގެން ދަރިވަރުންނަށް ސްކޫލަށް ހާޒިރު ނުވެވޭނެ ކަމަށް ބެލެނިވެރިންނަށް އަނގަބަހުން އަންގި ކަމަށްބުނާ މައްސަލައެކެވެ.

މިކަމާ ގުޅިގެން ބައެއް ބެލެނިވެރިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ނިގާބު އަޅައިގެން ސްކޫލަށް ހާޒިރުވުމަކީ ޔުނީފޯމް ކޯޑާ ހިލާފު ކަމެއް ކަމުގައި ލިޔުމުން އަންގައި، އެކުދިން ސްކޫލަށް ގޮސް ތައުލީމް ހާސިލުކުރުމަށް ހުރަސް އަޅަމުންދިޔަ ކަމަށެވެ.

ނަމަވެސް ނިގާބު އެޅުމަކީ ދިވެހި މުޖުތަމައުގައި ހުއްދަ އަދި އެކަން ބަލައިގަނެފައިވާ ހެދުން އެޅުމުގެ އާދައަކަށްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލައިގައި ބެލނިވެރިން އެދިފައިވަނީ، ނިގާބުއެޅި އެއްވެސް ކުއްޖަކު ރަސްމީ ތައުލީމު ލިބިގަތުމުން މަހުރޫމް ކުރެވޭ ގޮތަށް އެއްވެސް ގަވާއިދެއްވިޔަސް އަދި އެންގުމެއްވިޔަސް ނޭންގޭނެ ކަމަށާއި، ޔުނީފޯމް ކޯޑުގެ ތެރެއިން ވިޔަސް އަދި އެހެން ގަވާއިދެއްގެ ތެރެއިން ވިޔަސް ތައުލީމުގެ ފުރުސަތު ނުލިބޭނެގޮތަށް، ސިޔާސަތުތަކާއި ގަވާއިދުތައް އެކުލަވާލައި ތަންފީޒު ނުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އަދި ނިގާބު އަޅައިގެން ސްކޫލަށް ހާޒިރުވުމަކީ އެކުދިންނާ ދޭތެރޭ ސްކޫލުން ވިޔަސް، އަދި އެހެން ބަޔަލުވިޔަސް ތަފާތު ކުރުމެއް ގެންގުޅެންވާނޭ ކަމެއް ނޫން ކަމަށާއި، ނިގާބު އެޅުމުގެ ސަބަބުން އެކުންދިންނަށް އެއްވެސް ފަރާތަކުން އެއްވެސް ކަހަލަ ތަފާތުކުރުމެއް ގެންގުޅެ އަދި ހަނގާކުރުމުގެ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ ކަމުގައި ކަނޑައަޅައި ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ދައުވާކުރި ބެލެނިވެރިން ބުނެފައިވަނީ، މި މައްސަލައިގައި ޗެލެންޖް ކޮށްފައިވަނީ އޭރުގެ އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ނިންމުމަކަށް ކަމަށާއި، އޭގެ ފަހުން ސަރުކާރު ބަދަލުވުމާ ގުޅިގެން މޫނު ބުރުގާ އަޅައިގެން ކިޔެވުމަށްވެސް އަދި ވަޒީފާ އަދާކުރުމުންވެސް މަހުރޫމުނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޕަބްލިކްގައި ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ އިސްވެރިޔާ އެހެން ވިދާޅުވެފައިވުމާއި، ދައުލަތުގެ އެ ޔަގީންކަން އޮތުމުން މައްސަލަ އިތުރަށް ކުރިއަށްގެންދިއުމުގެ ބޭނުމެއް ނެތް ކަަމަށްވެސް ބުންޏެވެ.

ދައުލަތުން ބުނެފައިވަނީ، އޭރުވެސް މިހާރު ވެސް ދައުލަތުން އަމަލު ކުރަމުންދަނީ އުނގެނުމުގެ ހައްގަށް އުނިކަން ނާންނާނެގޮތަށް ކަމަށެވެ.

އެހެންކަމުން ދިވެހި ދައުލަތް، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ މައްޗަށް ކޮށްފައިވާ މި ދައުވާގެ ހުސޫމާތު ނިމުމަކަށް އައިސްފައިވާތީ، މި ދައުވާގައި ހިމެނޭ ހުސޫމަތާ މެދު އިތުރަށް ޝަރީއަތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މި ގަޒިއްޔާ ނިންމީކަމަށް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.