ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، އެންދެރި މަޝްރޫއުގެ ދަށުން ތިން ރަށަކަށް ހަ މިލިއަން އަދި ތިން ޖަމިއްޔާއަަކަށް 4.5 މިލިއަން ރުފިޔާ އެންވަޔަރަމަންޓް މިނިސްޓްރީން ދީފިއެވެ.
ތިނަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ފައިސާ ކައުންސިލުތަކާ ހަވާލުކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ. އެ އެހީގެ ދަށުން ލ. ގަން، މާބައިދޫ އަދި ހިތަދުއަށް، ކޮންމެ ރަށަކަށް ދެ މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެންދެރި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ ހިލޭ އެހީގެ ދަށުން، އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ ވެށި ރައްކާތެރިކޮށް ގިނަ ދުވަހަށް ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ. އެ ރަށްތަކުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ، އެ އެހީއަކީ ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިމެނޭ، މީހުން ދިރިއުޅޭ ރަށްރަށަށް އެންދެރި މަޝްރޫއުގެ ދަށުން އެ ސަރަހައްދުތަކުގެ ފައިދާ ފުރިހަމަ ގޮތުގައި ހޯދުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި އެ އެހީ އަވަސް ގޮތެއްގައި ރަނގަޅަށް ބޭނުންކޮށްފިނަމަ އެފަދަ އެހެން އެހީތަކާއި މަޝްރޫއޫތަކަށް ވެސް ދޮރުތައް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި މަދަނީ ޖަމިއްޔާތަކާއި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެންދެރި މަޝްރޫއުން ދޫކުރާ ކުދި އެހީގެ ދެވަނަ ބުރަށް ހޮވުނު ފަރާތްތަކަށްވެސް އެހީ ލިބުނު ކަމުގެ ލިޔުން ހަވާލު ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބުރުގެ އެހީއަށް ހޮވި، ތިން ޖަމިއްޔާއަކަށް ޖުމުލަ 1.5 މިލިއަން ރުފިޔާ ފޯރުކޮށްދިން ކަމަށާއި 2022 ވަނަ އަހަރު ހިންގި ފުރަތަމަ ބުރުގައި ލ. އަތޮޅުގެ ދިހަ ރަށަކުން ދިހަ ޖަމިއްޔާއަކަށް ޖުމުލަ 2.1 މިލިއަން ރުފިޔާގެ އެހީ ދީފައިވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު