ސްޓެލްކޯގެ 469 މުވައްޒަފުން ލީޑަޝިޕް އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކުންފުނީގެ 469 މުވައްޒަފުން ލީޑަޝިޕް އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެ ޕްރޮގްރާމްގެ ތީމަކީ، "ސްޓްރެންތަނިން ދަ ޕާތް ޓު އަ ބްރައިޓާ ފިއުޗާ" އެވެ.

ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން އެ ޕްރޮގްރާމްގައި ބައިވެރިވި، 51 ޓީމުގެ މެންބަރުން ގިރިފުށީ ޓްރެއިނިން ސެންޓަރުން ތަމްރީނު ހޯދުމަށްފަހު އެނބުރި ހިދުމަތާ ގުޅިފައިވާ ކަމަށެވެ.

"ނުވަ ބެޗެއްގައި 469 މުވައްޒަފުން ތަމްރީނުކޮށްފައިވާ މި ޕްރޮގްރާމުން ދައްކުވައިދެނީ ހަރުދަނާ ލީޑާޝިޕެއް އުފައްދައި އުޖާލާ މުސްތަގުބަލަކަށް ގެންދިއުމަށް ސްޓެލްކޯއިން ކުރަމުން އަންނަ ސާބިތު މަސައްކަތް" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވަނީ، އެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނީތީ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާފައެވެ.