ގައުމީ އެއާލައިން، މޯލްޑިވިއަން އިން ށ. ފުނަދުއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

މޯލްޑިވިއަންއިން ބުނީ ފުނަދުއަށް ކުރާ ދަތުރުތައް ކެންސަލް ކުރީ އެއާޕޯޓްގެ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އެއާޕޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ކުންފުނީގެ ޓީމުން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

"އިތުރު އެއްޗެއް އަންގަންދެން ފުނަދުއަށް ކުރާ ދަތުރުތައް ވަނީ ކެންސަލްކޮށްފައި،" މޯލްޑިވިއަން އިން މިއަދު ނެރުން ނޯޓިސްއެއްގައިވެއެވެ.

މޯލްޑިވިއަން އިން ފުނަދުއަށް ހަފުތާއަކު ދެ ފްލައިޓު ބާއްވައެވެ. އެއީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުއެވެ.

ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް ވެސް އެދޭ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ފުނަދޫ އެއާޕޯޓަކީ 2020 ގައި ހުޅުވި އެއާޕޯޓެކެވެ.