ނޯތު ކޮރެއާ އާއި ސައުތު ކޮރެއާ ގުޅޭ ހުރިހާ މަގުތަކެއް ބަންދުކުރަން ނިންމައިފިއެވެ.

ދެ ކޮރެއާ ގުޅޭ މަގުތައް ބަންދުކުރުމުގެ މަސައްކަތް ފަށާފައިވަނީ ނޯތު ކޮރެއާއިން ކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ.

ނޯތު ކޮރެއާއިން ވަނީ ސައުތު ކޮރެއާއަށް ދެވެން އޮންނަ ހުރިހާ މަގުތަކެއް ރޭލު ދަތުރުކުރެވޭ މަގުތަކާއި ބިމުއަޑިން ދެވޭ މަގުތައް ހިމެނޭހެން ބަންދު ކުރުމަށް ނިންމައިފައެވެ.

ނޯތު ކޮރެއާއިން ވަނީ އިއްޔެއިން ފެށިގެން ހުރިހާ މަގުތަކެއް ބަންދުކޮށް ނޯތު ކޮރެއާ އެއީ ވަކި ގައުމެއްގެ ގޮތުގައި އޮތް އޮތުން ކަށަވަރުކުރުމަށް ނިންމައިފައެވެ.

ނޯތު ކޮރެއާގެ އާމީއިން ވަނީ އެއީ އެގައުމުގެ އަމިއްލަ ރައްކަލަކަށް ކުރާ ކަމެއް ކަމަށާއި ހަނގުރާމައެއް ފެށޭ ހާލަތެއްގައިވެސް ގައުމަށް ސަލާމަތްކަން އޮންނާނީ އެގޮތުން ކަމުގައި ހާމަކޮށްފައެވެ.

ނޯތު ކޮރެއާއިން މިފަދަ ހަރުކަށި ފިޔަވަޅެއް އަޅާފައިވާ އިރު، ދެކޮރެއާ ގުޅޭ ކޮރެއަން ޕެނިއުންސިލާ ސަރަހައްުދުގައި ދަނީ ހަމަނުޖެހުން އުފެދި ހޫނުވަމުންނެވެ.