ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނި، މެޑިޓޭޜިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ)ގެ ބޯޓެއް ފުރަތަމަ ފަހަރަށް ރާއްޖެ އަތުވެއްޖެއެވެ.

ސެންޗޫރިއަން އެޖެންޓުކަމުގައި އެމްއެސްސީ މަނަސަ އެފް ނަމަކަށް ކިޔާ އެ ބޯޓު މިއަދު ވަނީ މާލޭގައި ބަނދަރު ކޮށްފައެވެ. އެ ބޯޓު އައުމާ ގުޅިގެން މަރުހަބާ ކިއުމަށް ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް 'ވަން' އަށް މިރޭ ވިދާޅުވީ، ރާއްޖެ އައި އެމްއެސްސީގެ ބޯޓުން 800 އަށްވުރެ ގިނަ ކޮންޓެއިނާ ގެނައި ކަމަށެވެ.

"މީގެ ކުރިން ބޮޑެތި ޝިޕިން ލައިންތަކުގެ ބޯޓުތައް ރާއްޖެ ނާންނަނީ ބޭނުންވާ ހިދުމަތްތައް ނުދެވޭތީ. މިއީ ޝިޕިން ލައިނާތަކުން އެދޭ ކަންކަން ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަން އެމްޕީއެލް އިން ދިނުމުން އައި ބޯޓެއް. އަދި އެމްއެސްސީގެ ބޯޓުފަހަރު ރާއްޖެ އަންނަ ނަމަ، ރާއްޖެއަށް އަންނަ ކާގޯ ވަރަށް ބޮޑުތަން އިތުރުވެގެންދާނެ،" ވަޖީހު ވިދާޅުވިއެވެ.

އިޓަލީގެ ބިލިއަނަރެއް ކަމަށްވާ ޖިއަންލުއިޖީ އެޕަންޓޭ އުފެއްދި އެމްއެސްސީ އަކީ ފްލީޓުގެ ބޮޑުމިނާއި ކާގޯ ކެޕޭސިޓީއަށް ބަލާއިރުވެސް ދުނިޔޭގެ ކޮންޓެއިނަރު ކެޕޭސިޓީގެ 20 ޕަސެންޓް ކޮންޓްރޯލް ކުރާ ކުންފުންޏެވެ.

އެގޮތުން ނޮވެމްބަރު 2023ގެ ނިޔަލަށް އެ ކުންފުނިން 790 އަށްވުރެ ގިނަ ކޮންޓެއިނާ ބޯޓު އޮޕަރޭޓް ކުރެއެވެ. އެ ބޯޓުތަކުގެ ކެޕޭސިޓީއަކީ 5.5 މިލިއަން ކޮންޓެއިނަރެވެ.