މިންތީގެ ހަމަހަމަކަމާ ގުޅޭ މައުލޫމާތު އެއްކޮށް، އެކަމުގައި ބޭނުންކުރެވިދާނެ މައުލޫމާތުތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓު އިފްތިތާހުކޮށްފިއެވެ.

މިންތީގެ ހަމަހަމަކަމާ ގުޅޭ މައުލޫމާތު ހިމެނޭ ޖެންޑާ ޑޭޓާ ޔޫސް ރިޕޯޓުގެ އިތުރުން ސްޓެޓިސްޓިކްސް އެކްޝަން ޕްލޭންސް އެންޑް ވެލިޑޭޝަން ޕީއެފް ދަ ނޭޝަނަލް ސްޓްރެޓެޖީ ފޮ ޑިވެލޮޕްމަންޓް އޮފް ޖެންޑާ ސްޓެޓިސްޓިކްސް (އެންއެސްޑީޖީ) ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

މީރުމާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ ޑޭޓާ ޔޫސް ރިޕޯޓު އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދެވެ. އަދި އެންއެސްޑީޖީ ލޯންޗުކޮށްދެއްވީ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

އެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ އެވިޑަންސް ބޭސް ނުވަތަ ހެއްކާއި ގަރީނާއަށް ބިނާވެގެންވާ ގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި ފްރޭމްވޯކެއް ހަދައިގެން އެއާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމުގައި މަސައްކަތްކުރާ ކަމަށެވެ. އެގޮތުން މިންތީގެ ހަމަހަމަކަމާއެކީ ކަންކަން ރޭވުމަކީ އެ މިނިސްޓްރީން ދެކޭ ގޮތުގައި މުހިންމު ކަމެއް ކަމަށްވެސް ހައިދަރު ވިދާޅުވިއެވެ.

"މި ސްޑަޑީތަކާއި ސްޓްރެޓެޖީ ތަކަކީ ވަރަށް މުހިންމު ކަމެއް. ހާއްސަކޮށް ދިގު މުއްދަތުގެ ގައުމީ އެކްޝަން ޕްލޭނެއް ފެށިގެންދާ އިރު، ރާއްޖޭގެ 20 އަހަރު ދުވަހުގެ ގައުމީ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައި މި އޮތީ. އެއް އަހަރު ދުވަހުގެ ބޮޑު މަސައްކަތެއް. ރާއްޖޭގެ ހުރިހާ ހިސާބަކުން ޑޭޓާ އެއްކޮށް މީހުންނާ ބައްދަލުކޮށް، ރައްޔިތުން ދެކޭ ގޮތާއި ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމުގައި 10 އަހަރު ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތަކުގެ މައްޗަށް އެކުލަވާލާ ޕްލޭނެއް އެ ޕްލޭނަކީ،" ހައިދަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ ސޯޝަލް ކޯޑިނޭޓަރު މަރިޔަމް ރާޔާ އަހުމަދު ވިދާޅުވީ، އެ ރިޕޯޓުގެ ޒަރިއްޔާއިން ކުރިއަށް އޮތްތަނުގައި ސިޔާސަތުތައް އެކުލަވާލުމުގައި މިންތީގެ ތަފާތުތައް ބޭނުންކުރެވޭނެ ގޮތާއި، ބޭނުންކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅެމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

"ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި އެންމެ އިސްކޮށް މަސައްކަތްކުރާ ވުޒާރާގެ ހައިސިއްޔަތުން އެކިކަހަލަ ގާނޫގެ ދަށުން މަސައްކަތް މި ކުރަނީ. އަދި ކުރު މުއްދަތެއްގައި މެދުރާސްތާ އަދި ދިގުރާސްތާގައި އަަޅަންޖެހޭ ފިޔަވަޅުތައް ގެންނަންޖެހޭ ބަދަލުތައް ފާހަގަކުރެވިގެންދާނެ،" ރާޔާ ވިދާޅުވިއެވެ.

ރޭވުންތެރިކަމާއެކު މިންތީގެ ތަފާސް ހިސާބުތައް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބާރުމިނުގައި ކުރިއަށްދާނެ ކަމަށްވެސް ރާޔާ ވިދާޅުވިއެވެ.