ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ މއ. މަސްފަން، މުނީޒް، 37އ އެވެ. އޭނާ ހައްޔަރުކުރީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

ފުލުހުން ބުނި ގޮތުގައި، މުނީޒް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ދިލްބަހާރު މަގުގައިި ހުރި ފިހާރައެއްގެ ތެރޭގައި ހުރި މީހަކަށެވެ. އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރިކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައިވާ މުނީޒްގެ ބަންދު އަމުރުގައިވާ ގޮތުގައި އޭނާއާ ދެކޮޅަށް، ކުށުގެ ތުހުމަތު ކުރެވޭވަރަށް ހެކި ހުށަހަޅާފައިވެއެވެ

މުނީޒަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރަމާރީ ހިންގުމާއި ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.