ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ނަމުން މަޝްހޫރުވެފައިވާ ފޯޅަވަހީގެ އަތޮޅުތައް މޮރިޝަސްއާ ހަވާލުކުރަން ހުސްވި ހަފުތާގައި އިނގިރޭސިވިލާތުން އެއްބަސްވުމާ ގުޅިގެން ޒަމާންވީ ޒަޚަމަކަށް އަނެއްކާވެސް ވަނީ ދިރުން ލިބިފައެވެ. އިންޑިޔާ ކަނޑުގައިވާ ޒަޚަމެއް ނޫނެވެ. މާދުރުން ދެކުނު އެޓްލާންޓިކް ކަނޑުގައިވާ ޒަޚަމެކެވެ. ފޯކްލެންޑުގެ މިލްކުވެރިކަމާމެދު އާޖެންޓީނާ އާއި އިނގިރޭސިވިލާތުގެ ގުޅުމުގައި އުފެދިފައިވާ ޒަޚަމެކެވެ. މޮރިޝަސްއަށް ފޯޅަވަހީގެ ހުކޫމަތު މުޅިން ދޫކޮށްލަން އިނގިރޭސިވިލާތުން އެއްބަސްވެ އެކަން އިއުލާންކުރީމާ އާޖެންޓީނާއިން ބުންޏެވެ. މަރުހަބާއެވެ. މޮރިޝަސްއަށް އެލިބުނީ މޮރިޝަސްގެ އަމިއްލަ ސަރަހައްދެކެވެ. އިނގިރޭސިވިލާތުން ދޫކޮށްލަންޖެހޭ އިތުރު ސަރަހައްދުތަކެއް އަދިވެސް އެބަހުއްޓެވެ. ފޯކްލެންޑަކީ އޭގެތެރެއިން ތަނެކެވެ. ހަމަ މިހާރުން މިހާރަށް އާޖެންޓީނާއަށް ފޯކްލެންޑު ދޫކޮށްލަންވީއެވެ. ފޯކްލެންޑަކީ އަބަދުވެސް އާޖެންޓީނާގެ ތަނެކެވެ. އެކަމަކު އިނގިރޭސިން ގަދަބާރުން އެތަން ކޮންޓްރޯލް ކުރަނީއެވެ.
ފޯކްލެންޑުގެ މައްސަލައަކީ އާޖެންޓީނާ އާއި އިނގިރޭސިވިލާތުގެ މެދުގައި ހައްލުނުވެ ދެމިގެންދާތާ ޒަމާންވީ ވަރަށް ސީރިއަސް މައްސަލައެކެވެ. ފޯކްލެންޑަކީ އާޖެންޓީނާގެ އައްސޭރީގައި އޮންނަ އިނގިރޭސި ކޮލޮނީއެކެވެ. ކޮލޮނީއަކަށްވިޔަސް ދާޚިލީ މިނިވަންކަން އޮވެއެވެ. ވެރިޔަކީ އިނގިރޭސި ގަވަރުނަރެވެ. އެތަނުގެ މިލްކުވެރިކަމަށް އާޖެންޓީނާއިން އަބަދުވެސް އަންނަނީ ދައުވާކުރަމުންނެވެ. މި މައްސަލައިގައި އާޖެންޓީނާ އާއި އިނގިރޭސިވިލާތް ވަނީ މީގެ 42 އަހަރު ކުރިން ވަރުގަދަ ހަނގުރާމައެއްވެސް ކޮށްފައެވެ. އެ ހަނގުރާމަައަކީ އާޖެންޓީނާގެ ސިފައިން ފޯކްލެންޑަށް އަރައި 1982 ވަނަ އަހަރު އެތަން ހިފުމާ ގުޅިގެން އަލުން އިނގިރޭސީންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ކުރެވުނު ހަނގުރާމައެކެވެ. މި ހަނގުރާމައިގައި އާޖެންޓީނާ ސިފައިންގެ ތެރެއިން 655 މީހަކާއި އިނގިރޭސި ސިފައިންގެ ތެރެއިން 255 މީހަކާއި ފޯކްލެންޑުގެ އާއްމުންގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފައެވެ. ހަނގުރާމަ ނިމުނީ އާޖެންޓީނާ ބަލިވެގެންނެވެ.
އާޖެންޓީނާއިން ބުނަނީ ފޯކްލެންޑަކީ ސްޕޭނުގެ އަތްދަށުން 1816 ވަނަ އަހަރު އާޖެންޓީނާއަށް މިނިވަންކަން ލިބުނުއިރު ސްޕޭނުގެ ފަރާތުން އާޖެންޓީނާއަށް ލިބިފައިވާ ސަރަހައްދެއް ކަމުގައެވެ. އިނގިރޭސިން ގަދަކަމުން އެތަނަށް ވެރިވެގަނެގެން އުޅެނީ އާޖެންޓީނާއަށް މިނިވަންކަން ލިބުނުތާ ސަތާރަ އަހަރު ފަހުން 1833 ވަނައަހަރު ކަމުގައެވެ. ކޮންމެއަކަސް ފޯކްލެންޑޭ ކިޔަނީ ދެކުނު އެޓްލާންޓިކް ކަނޑުގައި އާޖެންޓީނާގެ އައްސޭރިން ފެށިގެން 300 މޭލު ދުރުގައިވާ މައިގަނޑު ދެ ޖަޒީރާއަކަށެވެ. އިރުމަތީ ފޯކްލެންޑާއި ހުޅަނގު ފޯކްލެންޑެވެ. މިދެންނެވި ދެ ޖަޒީރާގެ ވަށަވަށައިގެންވާ ކުދިކުދި 738 ޖަޒީރާވެސް ހިމެނެނީ ފޯކްލެންޑުގެ ސަރަހައްދު ކަމުގައެވެ. ފޯކްލެންޑުގެ އާބާދީއަކީ ގާތްގަޑަކަށް ހަތަރު ހާހެވެ. މީގެތެރެއިން ގިނަބަޔަކު ދިރިއުޅެނީ އިރުމަތީ ފޯކްލެންޑުގައެވެ. ވެރިރަށް ސްޓޭންލީ އޮންނަނީވެސް އިރުމަތީ ފޯކްލެންޑުގައެވެ. މި ރަށްތަކަށް އާޖެންޓީނާގައި ކިޔަނީ މަލްވީނާސްއެވެ.
އާބާދީ ކުޑަޔަކަސް ފޯކްލެންޑަކީ ނިސްބަތުން ބޮޑު ތަނެކެވެ. ސައިޒަކީ ގާތްގަޑަކަށް 12200 އަކަކިލޯމީޓަރެވެ. އިންޑިޔާ ކަނޑުގައިވާ ގައުމެއްކަމަށްވާ މޮރިޝަސްއަށްވުރެ ފޯކްލެންޑްގެ ސައިޒް ހަގުނަ ބޮޑެވެ. މަސްވެރިކަމާއި ތެލާއިގޭހުގެ ގޮތުން މުއްސަނދިވުމުގެ ސަބަބުން ފޯކްލެންޑުގެ ޖީޑީޕީ ހަގީގަތުގައި އިނގިރޭސިވިލާތަށްވުރެވެސް މައްޗެވެ. ފޯކްލެންޑުގެ ޖީޑީޕީ މަތިވަމުންދާ ވަރަކަށް ފޯކްލެންޑާމެދު އާޖެންޓީނާގެ ދަހިވެތިކަންވެސް ދަނީ މަތިވަމުންނެވެ. ހަމައެގޮތަށް އިނގިރޭސި ދިދައިގެ ދަށުގައި ފޯކްލެންޑް ބޭއްވުމުގެ އަޒުމް ލަންޑަނުގައިވެސް ދަނީ ވަރުގަދަވަމުންނެވެ. ކޮންމެއަކަސް މި މައްސަލައަށް ސުލްހަވެރި ހައްލެއް ނުހޯދޭކަމަށްވަންޏާ މީގެ 42 އަހަރު ކުރިން ހިނގިކަހަލަ ވަރުގަދަ ހަނގުރާމައެއް އަނެއްކާވެސް ހިނގުމުގެ ފުރުސަތު އެބައޮތެވެ. އަސްކަރީގޮތުން މިވަގުތު މާބޮޑުކަމެއް ކުރެވެންނެތީމާ ހިމޭނުން އޮތަކަސް އާޖެންޓީނާ އެއޮތީ ފޯކްލެންޑުގެ މަތިން ހަނދާން ނައްތާލައިގެނެއް ނޫނެވެ.
މިވަގުތު އާޖެންޓީނާގެ ވިސްނުންހުރީ މޮރިޝަސް އަމަލުކުރި ގޮތަށް އަމަލުކޮށްގެން ފޯކްލެންޑް ހޯދުމަށެވެ. އދ. އާއި ދުނިޔޭގެ ކޯޓަށް މައްސަލަ ހުށައަޅައިގެން ގާނޫނީގޮތުން އަދި ޑިޕްލޮމެޓިކް ގޮތުން ކުރެވޭ މަސައްކަތްތަކުން ފޯކްލެންޑް ހޯދުމަށެވެ. ފޯޅަވަހީގެ ކަންތައް ދިޔަގޮތް އެހައި ގާތުން އެހައި ބޮޑަށް އާޖެންޓީނާއިން ބަލަމުންދިޔައީ އެހެންވެގެންނެވެ. އާޖެންޓީނާ ގަބޫލުކުރާ ގޮތުގައި ފޯޅަވަހީގެ މައްސަލައިން ހުޅުވިގެން އެދިޔައީ ފޯކްލެންޑުވެސް އަތުލެވޭނެ ދޮރެކެވެ. ޝައްކެއްވެސް ނެތެވެ. ފޯޅަވަހީގެ މައްސަލަ ނިމުމާއެކު އާޖެންޓީނާއިން އިއުލާންކުރިއެވެ. ފޯކްލެންޑުގެ ފުރިހަމަ ކޮންޓްރޯލް އަހަރެމެން ހޯދާނަމެވެ. އެކަމަށްޓަކައި ނުފޮރޮޅާކަށް އެންމެ ގާކޮޅެއްވެސް ނުބާއްވާނަމެވެ. ޚާރިޖީވަޒީރު ޑަޔާނާ މޮންޑީނޯ ވިދާޅުވިއެވެ. ފޯކްލެންޑާމެދު މިދައްކަނީ ބޭކާރު ފޮނި ވާހަކަތަކެއް ނޫނެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ފޯކްލެންޑްގެ ކޮންޓްރޯލް ނަގާނަމެވެ. އަހަރެމެންގެ މަލްވީނާސް އަހަރެމެންނަށެވެ. އެއީ ލަންޑަނަކާ ބެހޭތަނެއްވެސް ނޫނެވެ.
ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީކަމުގައިވާ ކޮންޒަރވެޓިވް ޕާޓީންވެސް ކަންބޮޑުވާ ނިންމުމެކެވެ. އެ ކަންބޮޑުވުންތަކުގެ އަސްލަކީ ދުނިޔޭގެ އެހެނިހެން ސަރަހައްދުތަކުގައިވާ އިނގިރޭސި ކޮލޮނީތައް ހަމަމިބީދައިން ލަންޑަނުގެ މުށުތެރެއިން ބީވެގެންދިއުމަށް ހުޅުވުނު ދޮރަކަށް ފޯޅަވަހީގެ މައްސަލައިގެ ނިމުން ފުދޭތީއެވެ. ފޯޅަވަހީގެ މައްސަލަ ނިމުނުގޮތާމެދު ފޯކްލެންޑުގެ ރައްޔިތުންވެސް ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ދެން މިގޮތް މެދުވެރިވާނީ ފޯކްލެންޑަށް ކަމަށް ކުރެވޭ ހީތަކުގެ ސަބަބުންނެވެ. އެހެންވެ ފޯކްލެންޑުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު އެލިސަން ބްލޭކް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. ރައްޔިތުންނޭވެ. ކަންބޮޑު ނުވާށެވެ. ލަންޑަނުން ކަލޭމެން ދޫކޮށެއް ނުލާނެއެވެ. މިއީ ފޯޅަވައްސެއް ނޫނެވެ. މި ދެމައްސަލައަކީ އެއްތިލަފަތަކުން ކިރޭނެ މައްސަލަތަކެއް ނޫނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ