ނިއުޒިލެންޑުގެ ނޭވީއަށް ނިސްބަތްވާ ބޯޓެއް ފަރަށް އަރައި އަޑިއަށް ހިނގައްޖެއެވެ.

ދަ ރޯޔަލް ނިއުޒިލެންޑްގެ ނޭވީން ވަނީ ސަމޯއާއާއި ދިމާލު އައްސޭރިފަށުގައި ސާވޭއެއްގައި ހަރަކާތްތެރިވި އެ ބޯޓު އަޑިޔަށް ދިޔައީ ގަދަ އޮއިގައި ޖެހި ފަރަށް އަރައި، ބޯޓަށް ރާޅު އަރައިގެން ކަމަށް ބުނެފައެވެ.

އެ ބޯޓު ފަރަށް އަރައި އަޑިއަށް ގޮސްފައިވާއިރު ބޯޓުން ދަތުރުކުރި އެންމެން ވަނީ އިމަޖެންސީގައި ބޭނުންކުރާ ރާފްޓް ތަކުގައި ސަލާމަތުން އެއްގަމަށް އަރާފައި ކަމަށް އޮފިޝަލުން ބުނެއެވެ.

އަޑިޔަށް ދިޔަ ބޯޓުން ދަތުރުކޮށްފައިވަނީ ހަތް ސައިންސުވެރިންނާއި މިލިޓަރީ ޑައިވަރުން ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

ނިއުޒިލެންޑުގެ ނޭވީން ވަނީ ބޯޓު ފަރަށް އެރުމާއެކު ބަންޑުން ޖެހިކަމަށާއި މާގިނަ އިރުތަކެއް ނުވެ ބޯޓުގައި ރޯވެ އަޑިއަށް ދިޔައީކަމަށް ބުނެފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ނިއުޒިލެންޑުގެ ނޭވީއަށް ނިސްބަތްވާ ބޯޓެއް އަޑިއަށް ދިޔަ ފުރަތަމަ ފަހަރު ކަމަށްވެސް އޮފިޝަލުން ބުނެއެވެ.