ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެ މީހަކު ހުޅުމާލެ ފޭސް 3 އިން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ އެމީހުން އަތުލައިގަތީ، ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 3 ގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެއީ ބަނގުލަދޭޝް ދެ ފިރިހެނުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕަރަން ދާސް (49އ) އަދި އަލް އަމީން (30އ) އެވެ.

އިއްޔެރޭ ހިންގި މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް ތިނެއްގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓަކުން އެ މީހުން ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު 324 ދަޅު ބަނގުރާ، 378 ފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ލީޓަރުގެ 10 ފުޅިއާއި 500 އެމްއެލްގެ ހަތް ފުޅި ފެނިފައިވެއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.