ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އާމިނަތު ހުސައިން ޝަރީފާއި އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އާމިނަތު ނަމްޒާ، އެ މިނިސްޓްރީން ވަކިކުރުމަށްފަހު، އެހެން މިނިސްޓްރީތަކަށް ބަދަލުކޮށްފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ނަމްޒާ ބަދަލުކޮށްފައިވަނީ ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއަށެވެ. އަމިނަތު ހުސައިން ބަދަލުކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީއަށެވެ. އެ ބަދަލު ގެނައީ ކީއްވެގެންތޯ ސާފުކުރަން ޖެންޑާ މިނިސްޓްރީއަށް ގުޅުމުން، ފޯނަށް ޖަވާބުދީފައިނުވާތީ އެކަން ސާފުވެފައެއް ނުވެއެވެ.

ނަމްޒާއާއި އާމިނަތު ހުސައިން އެހެން މިނިސްޓްރީތަކަށް ބަދަލުކުރި އިރު، ކ. ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒު ވެސް ބަލަހައްޓާ ޖެންޑާ މިނިސްޓްރީގެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އާއިޝަތު ޝޫޒާ ވަނީ އޭނާއާ މެދު ތަފާތުކުރުން ގެންގުޅެ، ވަޒީފާއިން ވަކިވާން މަޖުބޫރުކުރި ކަމަށް ތުހުމަތުކެއް ކޮށްފައެވެ.

އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ޝޫޒާ ވިދާޅުވެފައިވެއެވެ.