ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދައުވާތަކާއި އިސްތިއުނާފަކާ ބެހޭ ޝަކުވާއަކާ ގުޅިގެން ޝަރީއަތް ފަސްކޮށްދޭން އެދޭނީ ހުކުމާ ހަމައަށް ގޮސްފައިވާ މައްސަލަތަކުގައި އެކަނި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޕީޖީން މިރޭ ނެރުނު ބަޔާނެއްގައި އެހެން ބުނެފައި މިވަނީ، ޕޮންޒީ ސްކީމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ރިވިއުކުރަން ހުށަހަޅަން ނިންމާފައިވާތީ، އެކަމަށް ގޮތެއް ނިމެންދެން ޝަރީއަތް މަޑުޖައްސާލަން އަލްހާންގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު އެދިފައިވަނިކޮށެވެ. ނަަމަވެސް ކޯޓުން ނިންމީ ރިވިއުކުރަން ހުށަހެޅި ނަމަވެސް، މައްސަލަ ކުރިއަށްގެންދިއުމަށެވެ.
ވަކި މައްސަލައެއް ބަޔާންނުކޮށް، ޕީޖީން ނެރުނު ބަޔާނުގައި ބުނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން 20 ދުވަހުގެ މުއްދަތަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލަން ޕީޖީ އޮފީހުން ނިންމާފައިވާ ނިންމުމާ ގުޅިގެން ޝަކުވާ ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް މުރާޖައާކޮށް، އެންމެ އަވަސްމިނުގައި ގޮތެއް ނިންމުމަށް އެ އޮފީހުގެ މަސައްކަތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ބަންދުގެ ހާލަތަކަށް ބަދަލު ގެނެވިދާނެ ކަމަށް އެ އޮފީހަށް ފެންނަ މައްސަލަތައް ބަންދު މުރާޖައާކުރުމަށްޓަކައި ކޯޓުގެ ސަމާލުކަމަށް ގެންދެވޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މި އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދައުވާތަކާއި އިސްތިއުނާފަކާ ބެހޭ ޝަކުވާއަކާ ގުޅިގެން ހިނގަމުންދާ ޝަރީއަތެއް ފަސްކޮށްދިނުމަށް މި އޮފީހުން ކޯޓުގައި އެދޭނީ އެ މައްސަލައެއްގެ ހުކުމާ ހަމައަށް ގޮސްފައިވާ މައްސަލަތަކުގައި އެކަންޏެވެ..،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
މިިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ އައްބާސް ޝަރީފް ވިދާޅުވެފައިވަނީ އެ މަގާމާ ހަވާލުވެވަޑައިގަތުމުން، އެކި ގޮތްގޮތަށް ވަަރަށް ގިނަ ފަރާތްތަކުން ޝަކުވާތައް ހުށަހަޅަމުން ގެންދާ ކަމަށެވެ. އެގޮތުން ސިޓީންނާއި އީމެއިލްއިންނާއި އެސްއެމްއެސްގެ އިތުރުން ފޯނު ކޯލުތަކުން، މައްސަލަތަކާ ބެހޭ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށް އައްބާސް ވިދާޅުވެފައިވެއެވެ.
"މި ނިންމީ އެ ހުރިހާ ޝަކުވާއަކާއި އަދި އެނޫންވެސް ހުރި ޝަކުވާތައް ފޯމަލައިޒްކޮށްފައި މި އޮފީހުގެ ސިސްޓަމްގެ ތެރެއިން ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް 20 ދުވަހުގެ މުއްދަތަށް ހުޅުވާލަން، މިހާރު ސިސްޓަމްގެ ތެރެއިން ޝަކުވާ ހުށަހެޅޭނެ ގޮތް ހުންނާނީ ހަމަޖެހިފަ، އެހެންވީމަ ވެބްސައިޓް ތެރެއިން ވެސް ޝަކުވާ ހުށަހެޅޭނެ، އޭގެ އިތުރަށް ޕީޖީ އޮފީހުގެ ކޮންމެ ގޮތްޕަކަށް ވަޑައިގެންނެވިޔަސް، މި އޮފީހަށް ވަޑައިގެންނެވިޔަސް ރަސްމީކޮށް ޝަކުވާ ހުށަހެޅޭނެ،" ޕީޖީ އައްބާސް ވިދާޅުވެފައިވެއެވެ.
ޕީޖީ ވިދާޅުވެފައިވަނީ، އެ ޝަކުވާތަކުގައި އެ އޮފީހަށް ހުށަހަޅާ މައްސަލަތައް ވަކިވަކިން ބެލުމަށްޓަކައި ޕީޖީ ހިމެނޭގޮތުން ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށެވެ. އަދި އެއްވެސް މައްސަލައަކާ ގުޅިގެން ކުރިން ނިންމާފައި އޮތް ނިންމުމެއް ބަދަލުކުރާ ކަމަށްވަންޏާ އެ ނިންމުން ބަދަލުކުރީ ކީއްވެގެންކަން އާންމުންނަށް އެނގޭނެގޮތަށް އަންގާނެ ކަމަށާއި ބަދަލު ނުކުރާ މައްސަލަތައް ވެސް އެ ހުށަހެޅި މީހުންނަށް އަންގާނެ ކަމަށް ޕީޖީ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު