ހުޅުމާލޭގައި ހަދާ ޕާކިން ބިލްޑިންތަކާ ގުޅޭ އެއްބަސްވުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ވަނީ މިދިޔަ އޮގަސްޓު މަހު ހުޅުވާލައިފައެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތްތައް ހެދުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
އަމީން ވިދާޅުވީ، ޕާކިންގެ މައްސަލައަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށްވާއިރު ބިމުގެ ޖާގައިގެ ނިސްބަތުން ދުނިޔޭގައި އެންމެ ގިނަ ވެހިކަލް ގެންގުޅެނީ މާލޭގައި ކަމަށެވެ. އެގޮތުން މާލޭގެ ހުރިހާ ވެހިކަލެއް މަގުތަކުގައި އަތުރާލައިފިނަމަ މާލޭގެ 60 ޕަސަންޓް މަގުތައް ފުރޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ޕާކިން އިމާރާތްތައް ފަރުމާ ކުރާނީ އޮޓޮމޭޓެޑް ސިސްޓަމް ތަކާއެކު ކުޅިވަރު ކުޅޭނެ ޖާގަތަކާއި ކެފޭ/ރެސްޓޯރެންޓާއި ކޮމާޝަލް އެހެން ބޭނުންތަކަށް ޖާގަ ލިބޭ ގޮތަށް ކަމަށެވެ. އޭގެ އިތުރުން އެ އިމާރާތްތަކުގެ 10 ޕަސެންޓް ވިޒިޓާސްއަށް ހާއްސަކުރާއިރު، ޕާކިން ސްލޮޓްތައް ގެނެގެން އެ ތަނަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ ގޮތަށް ހަދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އުމުރު ދުވަހަކަށް އެ ބޭފުޅަކު ދުއްވާ ވެހިކަލް އެ ތަނުގައި ބޭއްވޭނެ. ބޭންކް ތްރޫކޮށް ނުވަތަ އެއްކޮށް ފައިސާ ދައްކައިގެންވެސް ގަނެވޭ ގޮތަށް އެ ސްލޮޓްތައް މި ދޫކޮށްލަނީ،" އަމީން ވިދާޅުވިއެވެ.
- 15 ޕާކިން ބިލްޑިން
- 4،000 ޕާކިން ސްލޮޓް
ފަޒުލް ވިދާޅުވީ، ހުޅުމާލޭގައި 15 ޕާކިން އިމާރާތްތައް ހަދަން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) އަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އަމާޒަކީ އެއް އަހަރު ދުވަސް ތެރޭގައި ފުރަތަމަ ޕާކިން ޒޯންގެ މަސައްކަތް ނިންމުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު