ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެފްއެސްއެމް) ގެ އިންވެސްޓިގޭޝަން ސްޕެޝަލިސްޓްގެ މަގާމަށް މީހަކު އައްޔަން ނުކުރަން އެ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ.
އެ ޓްރައިބިއުނަލުން މިގޮތަށް އަމުރުކުރީ، މީގެކުރިން އެ މަގާމުގައި ހުރި، ގދ. ފިޔޯރީ ކެކުރި އާޒިމް ހަބީބު މިދިޔަ އޯގަސްޓް މަހުގެ 23 ގައި ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް ބުނެ އެފްއެސްއެމަށް ރައްދުވާގޮތަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ގައި ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި ޓްރައިބިއުނަލްގައި އާޒިމް އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އަދި މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއްނެތި ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އޭގެ އިތުރުން އޭނާ އަދާކުރަމުންދިޔަ މަގާމު ނުވަތަ އެ މަގާމާ އެއްވަރުގެ މަގާމެއް އެފްއެސްއެމް އިން ހަމަޖައްސައިދިނުމަށް އަމުރުކޮށްދިނުމަށާއި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމަށް ނުބެލުމާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އިއާދަކުރާ ތާރީހާ ހަމައަށް އޭނާ އަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެކީ އެއްފަހަރާ ދިނުމަށް އެފްއެސްއެމްގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.
އަދި އޭނާގެ ވަޒީފާ އަނބުރާ އިއާދަކުރާނެ ހާލަތެއް ނެތްކަމަށް ކަނޑައަޅައިފި ހިނދެއްގައި، ގާނޫނާ ހިލާފަށް އޭނާ ވަޒީފާއިން ވަކި ކޮށްފައިވާތީ، ބަދަލުގެ ގޮތުގައި ވަޒީފާއާބެހޭ ގާނޫނާއި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތްކޮށް، އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ނަގައިދީ، އެ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އަމުރުކޮށް ދިނުމަށް ވެސް ޓްރައިބިއުނަލްގައި އޭނާ ވަނީ އެދިފައެވެ.
މި މައްސަލައިގައި ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންދެން އިންވެސްޓިގޭޝަން ސްޕެޝަލިސްޓްގެ ގާމަށް މީހަކު އައްޔަން ނުކުރުމަށް އަމުރުކޮށްދިނުމަށް ވެސް އާޒިމް ވަނީ ޓްރައި ބިއުނަލްގައި އެދިފައެވެ.
ސަބަބެއް ކަަމަށް އޭނާ ބުނެފައިވަނީ، މި މައްސަލަ ވަކި ގޮތަކަށް ނިމުމުގެ ކުރިން ވަޒީފާއާ ބެހޭ އާއްމު ގަވާއިދުގައި ބަޔާންކޮށްފައިވާ 12 މަސް ދުވަހުގެ މުއްދަތު ހަމަވެއްޖެނަމަ، އެހާލަތުގައި ރިޑަންޑަންޓް ކުރެވޭ މަގާމަށް މީހުން އައްޔަން ކުރުމަށް ގާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވެއްޖެ ކަމަށް ނިންމުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެފްއެސްއެމް އިން އެގޮތަށް ނިންމައިފިނަމަ، އެކަމުގެ ނަތީޖާއަކަށްވާނީ އޭނާ ވަޒީފާ އަދާކުރަމުންދިޔަ މަގާމަށް އެހެން މީހަކު އައްޔަން ކުރުމަށް އެފްއެސްއެމަށް ފުރުސަތު ފަހިވެގެންދިއުން ކަމަށް ވެސް ބުނެފައިވެއެވެ.
އެގޮތަށް ކަން ހިނގައިފިނަމަ، މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާ ނިންމުން ތަންފީޒު ކުރުމަށް ހުރަސްއެޅި، އެ ނިންމުމުގެ ބާރު ކެނޑި، މުޅި މައްސަލަ ފައިސަލާ ކުރުމުގެ ބޭނުން ކެނޑިގެން ހިނގައިދާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭނާއަށް ގާނޫނުން ކަށަވަރު ކޮށްދީފައިވާ އަދާލަތުގެ ހަމަތަކާ ގުޅިގެން އުފެދޭ ހައްގުތައް ލިބިދިނުމުގައި ހުރަސްތައް ކުރިމަތިވެގެންދާނެ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވުމަކީ އޭނާއަށް އިއާދަ ނުކުރެވޭ ވަތުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މި މައްސަލައިގެ މައުލޫއުގައި ފައިސަލާ ކުރަނިވި ނިންމުމެއް ނިންމުމާ ހަމައަށް ނުވަތަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް އަންގަންދެން އިންވެސްޓިގޭޝަން ސްޕެޝަލިސްޓްގެ މަގާމަށް އެހެން ފަރާތެއް އައްޔަން ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އެފްއެސްއެމް އަށާއި ކަމާ ގުޅުންހުރި ފަރާތްތަކްށް އަމުރުކުރާ ކަމަށް ޓްރައިބިއުނަލުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު