ލުބުނާނާ ދެކޮޅަށް އިޒްރޭލުން މިހާރު ފަށައިގެންއުޅޭ އުދުވާން އެމެރިކާޔާއި ހުޅަނގު ޔޫރަޕު ފިޔަވައި ދުނިޔޭގެ އެންމެން ކުށްވެރިކުރަމުންދާއިރު މިއުދުވާން ހުއްޓާލަން ވިސްނާކަމުގެ ކުލަވަރެއް އަދި ނުފެނެއެވެ. ފެންނަމުންދަނީ އުދުވާން އިތުރަށް ފުޅާކޮށް ވަރުގަދަކުރަމުންދާ މަންޒަރެވެ. ވައިގެމަގުން ހަފުތާއެއްހައި ދުވަހު ލުބުނާނުގެ ވެރިރަށް ބެއިރޫތާއި އެނޫންވެސް ތަންތަނަށް ހަމަލަދީ ސުންނާފަތި ކުރުމަށްފަހު ލުބުނާނުގެ ދެކުނުބިތުގެ ސަރަހައްދުތަކަށް ބަރުހަތިޔާރާއެކު އެއްގަމުންވެސް ވަނީ އަރައިގެންފައެވެ. މީގެކުރިންވެސް ލުބުނާނާ ދެކޮޅަށް ހިންގި އުދުވާންތަކުގައި އަމަލުކުރި ބީދައިންނެވެ. އެކަމަކު ކުރިއާ މިފަހަރު ވަރަށް ތަފާތެވެ. މިފަހަރު އިޒްރޭލުން ހަގުރާމަ ހިންގަމުންދަނީ ހަމައެކަނި ލުބުނާނަކު ނޫނެވެ. ތަފާތު ހަތަރު މައިދާނެއްގައި އެއްފަހަރާ އެދަނީ އުދުވާން ހިންގަމުންނެވެ. އެއްމައިދާނަށްވުރެ ގިނަ މައިދާނުގައި އެއްފަހަރާ މިކަން ކުރެވޭނީ ބާރުގަދަ މުހިންމު ގައުމުތަކެއްގެ ރުހުމާއި އެއްބާރުލުން ލިބިގެންނެވެ. އެކަން ކަށަވަރެވެ.
އިޒްރޭލުން ހަގުރާމަ ހިންގާ އެއްމައިދާނަކީ ފަލަސްތީނުގެ ގާޒާއެވެ. ހަމާސް ޖަމާއަތާ ދެކޮޅަށެވެ. ހަމާސްއަކީ އީރާނުގެ މަދަދު ލިބޭ ޖަމާއަތެކެވެ. ގާޒާ ސުންނާފަތި ކުރަމުން އެދަނީ ހަމާސް ޖަމާއަތް ވުޖޫދުން ފޮހެލުމުގެ ބަހަނާގައެވެ. ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެދަނީ ގާޒާ ފުނޑުފުނޑު ކުރަމުންނެވެ. އެއްގަމާއި ވަޔާއި ކަނޑުގެ މަގުންނެވެ. ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ތެރެެއިން މަދުވެގެން ބައިލައްކަ މީހުން މިދެންނެވި މުއްދަތުގެ ތެރޭގައި ޝަހީދުކޮށްލައިފިއެވެ. ހުޅަނގު އައްސޭރީގައިވެސް ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ތަޅައި ސުންނާފަތިކޮށް ދަނޑުބިންތައް ފޭރި، އަނިޔާވެރިކަން ވަނީ އާއުސްމިނަކަށް ގެންގޮސްފައެވެ. މިއީ އައުކަމެއް ނޫނެވެ. އައުކަމަކީ މިހާރު މިކަންކަން ކުރިއަށް ގެންދާ ސްކޭލެވެ. ހަމަކޮންމެ ދުވަހަކު އެތައްބަޔަކު މަރައި ހުސްކުރަމުންދާއިރު ފާއިތުވި ދިހަމަސް ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރިން އެކަނިވެސް ފަލަސްތީނުގެ ފަސްހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
ހަގުރާމައިގެ ދެވަނަ މައިދާނަކީ ލުބުނާނެވެ. ލުބުނާނާމެދު އަމަލުކުރަމުން އެގެންދަނީ ގާޒާއާމެދުވެސް އަމަލުކުރަމުންދާ ބީދައިންނެވެ. ވަކި ފަރަގެއް ނުފެނެއެވެ. ލުބުނާނަށް ހަމަލަދެނީ ހިޒްބު ﷲ ޖަމާއަތުގެ ބާރު ކަނޑުވައިލުމުގެ ނަމުގައެވެ. އެއީ އިރާނުގެ މަދަދު ލިބޭ ޖަމާއަތެކެވެ. އެންމެފުރަތަމަ ލުބުނާނަށް ހަމަލަދެމުންދިޔައީ ވަޔާއި ކަނޑުގެ މަގުންނެވެ. އެއަށްފަހު އެއްގަމުންނެވެ. ފާއިތުވި ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އެކަނިވެސް ލުބުނާނުގެ ރައްޔިތުންގެ ތެރެއިން މަދުވެގެން ދެހާސް މީހުން ޝަހީދުވެއްޖެއެވެ. ތިންވަނަ މައިދާނަކީ ސީރިޔާއެވެ. ސީރިޔާގެ ވެރިކަމުގައި ހުންނެވި ބައްޝާރުލް އަސަދަކީ އީރާނުގެ މިތުރެކެވެ. އިޒްރޭލުގެ ހަމަލާތައް އަމާޒުކުރަނީ ސަރުކާރުގެ ބާރު އޮންނަ ތަންތަނަށެވެ. ޚާއްސަކޮށް ވެރިރަށް ދިމިޝްގަށެވެ. ދިމިޝްގާއި އެނޫންވެސް ބައެއް ތަންތަނަށް މިހަފުތާގައި އެކަނިވެސް އިޒްރޭލުން ވަނީ ދެފަހަރަކު ވައިގެ ހަމަލަދީފައެވެ. އޭގެތެރޭގައި ސަރުކާރުގެ ޓީވީ ސްޓޭޝަނަކާއި ދިމިޝްގުގެ މައި އެއަރޕޯޓްވެސް ހިމެނެއެވެ.
ސީރިޔާއަށް ހަމަލަދިނުމަކީ އަލަށްކުރާ ކަމެއް ނޫނެވެ. އެކަންކުރަމުންދަނީ ސީރިޔާގައި ދާޚިލީ ހަގުރާމަ ފެށުނުފަހުންނެވެ. އެހިސާބުން ފެށިގެން ސީރިޔާއަކީ އިޒްރޭލް ސިފައިން ތަމްރީނު ހޯދުމަށް ބަޑިޖެހުމަށާއި މިސައިލް ފޮނުވުމަށް އޮންނަ އަމާޒުފައްގަނޑަކަށް ވަނީ ހަދައިފައެވެ. ސީރިޔާގެ ތެރޭގައި އިޒްރޭލުގެ އެއްގަމު ސިފައިންގެ ސިއްރު ފައުޖުތަކެއްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ސީރިޔާގެ ބިމެއްކަމުގައިވާ ގޯލާން ހިފައި އެއީ އިޒްރޭލުގެ އަމިއްލަ ސަރަހައްދަކަށްވެސް ވަނީ ހަދައިފައެވެ. ދެންއޮތީ ހަތަރު ވަނަ މައިދާނެވެ. އެ މައިދާނަކީ ޔަމަނެވެ. ޔަމަނަށް ހަމަލަދެނީ އެތާގެ އަންސާރު ﷲ އޭ ކިޔުނު ޖަމާއަތް ވުޖޫދުން ފޮހެލުމަށެވެ. ހޫސީންނަކީ އެއީއެވެ. އެމީހުންނަކީ އީރާނުގެ މަދަދު ލިބޭ ބައެކެވެ. ޝިއީންކަމަށް ވުމުންނެވެ. ޔަމަނުގެ ބޮޑުބައެއްގެ ކޮންޓްރޯލް އޮތީ އެބައިމީހުންނަށެވެ. އިޒްރޭލުން ޔަމަނުގައި ހިންގާ ހަރަކާތްތައް ގިނަފަހަރަށް އޮންނަނީ ސިއްރުވެފައެވެ.
މިދެންނެވި ގޮތަށް ސިއްރުވުމުގެ ސަބަބަކީ އެމެރިކާ އާއި އިނގިރޭސިވިލާތާއި ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންވެސް ދޭތެރެ ދޭތެރެއިން ޔަމަނަށް ހަމަލަދެމުން ދިޔުމާއެކު އެވެނިކަމެއްކުރީ މިވެނި ބައެއްކަން ކަށަވަރުވާގޮތް ނުވުމެވެ. އިޒްރޭލުގެ އަމަލެއްކަން އެނގެނީ އެކަމަށް އިޒްރޭލް އެއްބަސްވެ މިވެނި އެވެނިކަމެއް ކޮށްފީމޭ އިއުލާން ކުރުމުންނެވެ. ގިނަ ހަމަލާތައް އިއުލާނެއްވެސް ނުކުރެއެވެ. ޚާއްސަކޮށް އާއްމުންގެ ގިނަބަޔަކު ޝަހީދުވެ އާއްމުންގެ ގެދޮރަށް ބޮޑެތި ގެއްލުންތައް ލިބޭ ހަމަލާތަކުގެ ޒިންމާ އެއްވެސްވަރަކަށް ނުއުފުލައެވެ. އެންމެފަހުން އިޒްރޭލުން އެއްބަސްވި ހަމަލައަކީ ޔަމަނުގެ ހުދައިދާ އާއި ރަސްއީސާއަށް މިހަފުތާގައި ދިން ވައިގެ ހަމަލާތަކެވެ. ޔަމަނަށް ދީފައިވާ ހަމަލާތަކަކީ މިސައިލާއި ރޮކެޓް އަދި ބޮމުން ދީފައިވާ ހަމަލާތަކެކެވެ. މާނަޔަކީ ޔަމަނާހަމައަށް އިޒްރޭލުގެ ހަނގުރާމަމަތީ ޖެޓްތައް ފޮނުވައިގެން ހަމަލަދިނުމެވެ.
ޔަމަނުގެ ހުޅަނގު އުތުރުގައިވާ ތަންތަނުގެ ތެރެއިން އިޒްރޭލުގެ ހަމަލަތައް އަމާޒުކޮށްފައިވަނީ ބަނދަރުތަކާއި ހަކަތަ އުފައްދާ ތަންތަނާއި ކާރުޚާނާތަކަށެވެ. މި އުދުވާން ކުރިއަށް ގެންދިޔައީ އިޒްރޭލުގެ ކަނޑުގެ ސިފައިންގެ ފްލީޓެއް ޔަމަނާ ކައިރީގައި ބާއްވައިގެންނެވެ. ޔަމަނާ ދެކޮޅަށް މިޒާތުން އުދުވާން ހިންގަމުން މިދަނީ ފަލަސްތީނުގެ މުޖާހިދުންނާ އެއްބައިވުމުގެ ގޮތުން އިޒްރޭލާ ދެކޮޅަށް ޔަމަނުގެ ހޫސީން މިއަހަރު ހަރަކާތްތަކެއް ފެށުމާވިދިގެންނެވެ. އިޒްރޭލުން އެއްބަސްވިޔަސް ނުވިޔަސް އިޒްރޭލުގެ އެއްގަމު ސިފައިންގެ ކޮމާންޑޯ ޔުނިޓްތަކެއް ޔަމަނުގައި ހަރަކާތްތެރިވަމުންދާކަން ވަނީ ޔަގީންކުރެވިފައެވެ. އިޒްރޭލުގެ މިލިޓަރީ އޮޕަރޭޝަންތަކަށް ބާރުލިބޭ ކިތަންމެ ވަސީލަތްތަކެއް ޔަމަނުގެ ތެރޭގައި ވަނީ ގާއިމްކޮށްފައެވެ. ކުރިންވެސް ދެންނެވިފަދައިން ހަގުރާމަ އެހިނގަނީ ގާޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް، ލުބުނާނުގައި ހިޒްބު ﷲ ޖަމާއަތާ ދެކޮޅަށް، ސީރިޔާގައި ރައީސް ބައްޝާރުގެ ސަރުކާރާ ދެކޮޅަށް އަދި ޔަމަނުގައި ހޫސީންނާ ދެކޮޅަށެވެ. އިޒްރޭލުން ހިންގަމުންމިދާ އުދުވާންތަކުން އެއްކަމެއް ވަރަށް ސާފުކޮށް ހާމަވެގެންދެއެވެ.
އެއީ ކޮންކަމެއް ބާވައެވެ. އިޒްރޭލުން ހަނގުރާމަ ފަށައިގެން އުޅެނީ އީރާނާ ދެކޮޅަށެވެ. ހަމަލާތައް ދެމުން އެގެންދަނީ އީރާނުގެ މިތުރުންގެ ތަންތަނަށެވެ. މިކަމަކީ ސައޫދީ އަރަބިޔާ އާއި މިސްރާއި އެމިރޭޓްސްފަދަ އަރަބި ގައުމުތަކުން ދެކޮޅުހަދާ ކަންކަމެއްވެސް ނޫނެވެ. މިއީ އަރަބީންވެސް ބައިވެރިވެގެން މެދުއިރުމަތިން އީރާނުގެ ނުފޫޒު ނައްތައިލުމުގެ އޮޕަރޭޝަނެކެވެ. މިހިސާބުން އުފެދޭ ސުވާލަކީ އީރާނު ކީއްވެގެން ހެއްޔެވެ. ޖަވާބު ވަރަށް ސާފެވެ. މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާގެ ބޭއިންސާފު ކަންކަމަށް ފާޅުގައި ދެކޮޅުހަދާ ބަޔަކީ އީރާނެވެ. ފަލަސްތީނު މިނިވަންކުރުމަށް މުޖާހިދުންނަށް އަސްކަރީ އަދި މާލީއެހީ ފޯރުކޮށްދެނީ އީރާނުންނެވެ. އެއީ މިހާރު އެހެންބަޔަކު ކުރާ ކަމެއް ނޫނެވެ. ދެންއޮތީ މެދުއިރުމަތީގެ ކޮންޓްރޯލަށްޓަކައި ސުންނީންނާއި ޝީއީންގެ މެދުގައި ކުރިއަށްދާ ޒަމާންވީ ވާދަވެރިކަމުގެ ވާހަކައެވެ. އެއީ މިއަދުގެ މައުޟޫއަކަށްނުވާތީ އެވާހަކަ ބޭއްވީއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ