އުރީދޫ މޯލްޑިވްސްއިން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް، އިސްރަށްވެހިންގެ ނާދީއާ ގުޅިގެން ފާހަގަކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ އެ ކުންފުނިން ވަނީ މިއަހަރުގެ ކުރީކޮޅު އިސްރަށްވެހިންނާއެކު ކެންޕޭނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ. އެ ހަރަކާތުގައި ގްރޯ ވިތު އުރީދޫ ސެޝަނަކާއި ޑިޖިޓަލް ޕާޓްނާޝިޕް އިއުލާނާއި ފޮތް ހަދިޔާކުރުމުގެ ހަރަކާތެއް ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ. އަދި އެއީ އުރީދޫގެ ސީއެސްއާރު ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.

ގޯތިތެރޭގައި ގަސް އިންދުމަށް ތައްޔާރުކޮށްފައިވާ ގްރޯ ވިތު އުރީދޫ ސެޝަން އިސްރަށްވެހިންގެ ނާދީގައި ބާއްވާފައިވަނީ ޖެންޑާ މިނިސްޓްރިއާ ގުޅިގެން ކަމަށް އުރީދޫން ބުންޏެވެ. އެ ސެޝަންގެ ބައިވެރިން ވަނީ ގޭގައި ތިބެގެން އަމިއްލަ ބަގީޗާތައް ހަދައި ދެމެހެއްޓެނެވި ގޮތެއްގައި ބަގީޒާ ބަލަހައްޓާނެ ގޮތް ދަސްކޮށްފައި ކަމަށް އުރީދޫން ބުންޏެވެ. އިސްރަށްވެހިންނަށް އެ ސެޝަން ނަގައިދީފައިވަނީ އުރީދޫގެ އެމްބަސަޑާ ރަމްޒީ ހުސައިން ނުވަތަ ޒުވާން ދަނޑުވެރިޔާ ކަމަށް އުރީދޫން ބުންޏެވެ.

އެ ސެޝަންގައި ވަނީ އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހިތްވަރު ދިނުމުގެ އިތުރުން ދުޅަހެޔޮކަން އިތުރުކުރުމަށް ގުދުރަތާ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައި ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ އިވެންޓުތަކުގައި އިސްރަށްވެހިންނަށް ފަސޭހައިން ބައިވެރިވެވޭނެ ގޮތް ހެދުމުގެ ގޮތުން ވަނީ އިސްރަށްވެހިންގެ ނާދީގައި އާ ޑިޖިޓަލް ޕާޓްނާޝިޕެއް ވެސް އިއުލާނުކޮށްފައި ކަމަށެވެ. އެ ޕާޓްނާޝިޕްގެ ސަބަބުން އުރީދޫގެ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ވެސް ފަސޭހަކަމާއެކު އިސްރަށްވެހިންނަށް ލިބެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން އިސްރަށްވެހިންގެ ނާދީއަށް ފޮތް ހަދިޔާ ކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިސްރަށްވެހިންނަށް ނާދީގައި ހޭދަކުރާ ވަގުތުތަކުގައި މައުލޫމާތު މުއްސަނދި ކުރެވެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.

އެ ހަރަކާތްތަކަކީ މުޖުތަމައުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އުރީދޫން މިއަހަރު ފެށި ޕްރޮގްރާމުގެ ހިއްސާއެއް ކަމަށް އުރީދޫން ބުންޏެވެ.