އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހިންގަމުންގެންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް، އެމްއޭސީއެލްއާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން ކެބިނެޓުގެ ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް މުއިއްޒު އެ ނިންމުން ނިންމެވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ކަމަށެވެ. އެ ހުށަހެޅުމަކީ ފިނޭންސް މިނިސްޓްރީގެ ފަރާތުން ކެބިނަޓަށް ހުށަހެޅުއްވި ކަރުދާހެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އެގޮތުން ނިންމަވާފައިވަނީ އައިއޭއެސްއެލްގެ ފުރިހަމަ ކޮންޓްރޯލު އޮންނަގޮތަށް، އެމްއޭސީއެލް އާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން 2025 އެޕްރީލް 30 އަށް ނިންމެވުމަށާއި އަދި މި ކުންފުނި އުފެއްދެވުމަށްޓަކައި ނިންމަވަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދެވުމަށެވެ..،" ރައީސް އޮފީހުން ބުންޏެވެ.

އެ ކެބިނެޓް ބައްދަލުވުމުގައި ވަނީ އިގުތިސޯދު ޑައިވާސިފައިކުރުމުގެ ގޮތުން ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާނެ ކަންކަން ވެސް ނިންމައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން ނިންމި ކަންތައްތަކުގެ ތެރޭގައި މެރިކަލްޗާގެ ވިޔަފާރިތައް ގާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހާއުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓުތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން، ވަކި ޒޯނުތަކެއް މެރިކަލްޗާ ތަރައްގީކުރާ ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

  • ބޮޑުތިލަދުންމަތި (ހދ. އަދި ށ. އަތޮޅު) މެރިކަލްޗާ ޒޯން
  • މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗާ ޒޯން
  • މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗާ ޒޯން
  • ކޮޅުމަޑުލު (ތ) އަތޮޅު މެރިކަލްޗާ ޒޯން

އަދި މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދެކުނުން އޮތް ޖުމުލަ 73 ހެކްޓަރުގެ ފަރުގެ ސަރަޙައްދަކީ ކޮމާޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ހާއްސަކުރާ މޫދުކޮށީގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާއި މެރިކަލްޗާ ކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް ވަނީ ނިންމައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެއީ ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ކަރުދަހާކަށް ކެބިނެޓުން މަޝްވަރާކުރުމަށްފަހު ނިންމި ކަންތައްތަކެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.