އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވައި ބިރެއް ނުދެއްކޭނެ ކަމަށާއި، ޕީޖީ ނިންމަވާ ނިންމެވުމަށް ބަދަލުކުރަން މަޖުބޫރު ކުރާ ހިސާބުން ޕީޖީގެ މަގާމުން އިސްތިއުފާދެއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީޖީގެ މަގާމަށް އައްޔަންކުރި ފަހުން މި ވޭތުވެދިޔަ ތިން ހަފުތާއެއްހާ ދުވަހު މަސައްކަތް ކުރެއްމަށްފަހު، މިއަދު ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި، ރައީސް އޮފީހުގައި މަސައްކަތް ކުރެއްވުމަށްފަހު ޕީޖީގެ މަގާމަށް ވަޑައިގެންނެވުމުން ނުފޫޒެއް އަތުވެދާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޕީޖީ އައްބާސް ވިދާޅުވީ، މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ފަސް އަހަރު ހޭދަކުރެއްވީ އޭރުގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ އަރިހުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވުމަފަހުގައި ކަމަށެވެ.
"ހައިކޯޓަށް ގޮސްފަ އަަޅުގަނޑު ފަސް އަހަރު ދުވަހު މަސައްކަތްކޮށްފަ ނުކުތީ ވެސް ނުފޫޒެއް ނެތި، އެކަން ހަމަ ވަރަށް ފަހުރުވެރިކަމާއެކީ މިއަދުވެސް ބުނެލަން ބޭނުން،"
އައްބާސް ވިދާޅުވީ ހަމަ އެގޮތަށް މީގެކުރިން ރައީސް އޮފީހުގައި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީގަލް ކަންކަމުގައި އިސްކޮށް އުޅުއްވި ނަމަވެސް، މިހާރު ހުންނެވީ ރާއްޖޭގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ކަމަށެވެ.
"މިހާރު އަޅުގަނޑު މިހުރީ ރާއްޖޭގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި، އެހެންވީމަ މިހާރު އަޅުގަނޑު މަސައްކަތްކުރާނީ އެގޮތަށް، އެއް އިރެއްގައި އަޅުގަނޑު މަސައްކަތްކޮށްފަ ހުންނާނެ މިހާރުގެ ރައީސް ނޫނަސް އެހެން ބޭފުޅުންނާއެކުވެސް. އަޅުގަނޑު މަސައްކަތްކުރި މީހުންނަށް އަޅުގަނޑުގެ މައްޗަށް ނުފޫޒު ފޯރުވޭ ކަމަށްވަންޏާ ވަރަށް ގިނަވާނެ ރައްޖޭގެ އެކި ހިސާބުތަކުގައި އަޅުގަނޑުގެ މައްޗަށް ނުފޫޒު ފޯރުވޭނެ މީހުން،" އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ އެއްވެސް ފަރާތެއްގެ ނުޒޫރެއް އޭނާގެ މައްޗަށް ނުފޯރުވޭނެ ކަަމަށެވެ.
"ހަމަ 100 ޕަސެންޓް ޔަގީންކަމާއެކު މި ދަންނަވަނީ އެއްވެސް ބޭފުޅަކަށް އަޅުގަނޑަކަށް ނުފޫޒެއް ނުފޯރުވޭނެ، އެއްވެސް ބޭފުޅަކަށް އަޅުގަނޑަކަށް ބިރެއްވެސް ނުދެއްކޭނެ، އެއްވެސް މުއައްސަސާއަކަށް ވެސް އަޅުގަނޑަށް ނުފޫޒެއް ނުފޯރުވޭނެ،"
އައްބާސް ވިދާޅުވީ، ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން އޭނާ ނެންގެވި ނިންމެވުމެއް ބަދަލަކުރަން މަޖުބޫރުކުރާ ހިސާބަކީ އެ ގޮނޑިން ތެދުވާނެ ދުވަސް ކަަަމަށެވެެ.
"އަޅުގަނޑު ޖެހިލުމެއް ނުވާނެ މާދަންވެސް އިސްތިއުފާދީފަ ނިކުންނާކަށް، ނިކުންނަން ޖެހިއްޖެއްޔާ ނިކުންނާނަން، އަޅުގަނޑަށް ދެއްވި ޔަގީން ކަަމަކީ އެއްވެސް ނުފޫޒެއް ނުފޯރުވާނަމޭ، ގާނޫނުގައިވާގޮތަށް މަސައްކަތްކުރަން ބޭނުންވާ ފްރީޑަމް އަޅުގަނޑަށް ދެއްވާނަމޭ، އެ ފްރީޑަމާއެކު މަސައްކަތް ކުރެވޭހާ ދުވަހަކު އަޅުގަނޑު މަސައްކަތްކުރާނީ، އެ ނެތްކަަން އެނގޭ ދުވަހު އަޅުގަނޑު ނިކުންނާކަށް ޖެހިލުމެއްނުވޭ،" އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ކަންކަމުގައި އޭނާ ނިންމުންތައް ނިންމަވާނީ ބަލަންވާ ވަރަށް ބެއްލެވުމަށްފަހު، އޭނާ ގަބޫލުކުރައްވާ ގޮތަކަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު