އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރަމުންގެންދާ ދައުވާތައް އަމިއްލަ އިސް ނެގުމުގެ މަތިން، އަލުން ރިވިއުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޖީ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި އައްބާސް މިއަދު ވިދާޅުވީ، އަމިއްލައަށް އިސް ނަންގަވައިގެން ކުރީގެ ޕީޖީ ނިންމަވާފައި ހުރި ނިންމެވުމެއް ރިވިއުކުރަން މިވަގުތު ގަސްތު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ މިހެން ދަންނަވާއިރުވެސް މަޖިލީހުގައި މީގެ ބައެއް މައްސަލަތަކާ ބެހޭގޮތުން ވާހަކަދެއްކެވި. އެއީ ކުރީގެ ޕީޖީ މަގާމުން ވަކިކުރަން އެބޭފުޅުން ނިންމެވި ރީޒަން ކަންވެސް، އެކަމަކު އަޅުގަނޑުގެ ވިސްނުމެއް ނެތް އަޅުގނޑު އަމިއްލައަށް ވަކި މައްސަލަތަކެއް ނަގައިގެން ރިވިއުކުރާކަށް. އޭގެ ބަދަލުގައި އަޅުގަނޑު މިހާރު މި ހުޅުވައިލީ ހުރިހާ ބޭފުޅުންނަށް އެ ފުރުސަތު، އެހެންވީމަ އެ ފުރުސަތުތަކުގެ ތެރޭގައި ރައީސް ޔާމީން މައްސަލަ ހުށަހަޅުއްވައިފިއްޔާ މިކޮޅުން އަޅުގަނޑުމެން އުފައްދާ ކޮމިޓީން ރިވިއުކުރާނެ ރިވިއުކޮށްފަ އޭގެ ޑިޒިޝަންތައް ނަގާނެ،" ޕީޖީ އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، ހަމަ އެގޮތަށް ކުރީގެ ޓޫރިޒަމް މިނިސްޓަރަށް ތުހުމަތުކުރި ރޭޕްގެ މައްސަލަތަކާއި އެހެން ބޭފުޅުންގެ މައްސަލަތައްވެސް ޕީޖީއަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަަށެވެ.

"އަޅުގަނޑު އަމިއްލައަށް ރިވިއު ކުރަން ނުނިންމާ ސަބަބަކީ އޭރުން އަޅުގަނޑަށް އަންނާނެ އެލިގޭޝަން އަޅުގަނޑު ވަކި މައްސަލައެއް ނަގައިފަ، ކުރީގެ ޕީޖީގެ ޑިޒިޝަން ބަދަލުކޮށްފިއްޔާ އަޅުގަނޑަށް އެލިގޭޝަން އަންނާނެ އަޅުގަނޑު އަމިއްލަ ޕާސަނަލް ކޮންމެވެސް ކަމެއްގައޭ މައްސަލަ ވަކިން ޗޫސްކުރީ، އަޅުގަނޑު ބޭނުމެއް ނޫން އެ ފުރުސަތު ދޭކަށް. އެއީ އަޅުގަނޑު އެކަންކުރަން ބޭނުންވާގޮތެއް ނޫން. އެހެންވީމަ އަޅުގަނޑު ޕަބްލިކަށް މި ހުޅުވައިލީ މި ވިންޑޯގަ 20 ދުވަަސްތަރޭގައި މައްސަލަ ހުށަހެޅުމަށް،" އޭނާ ވިދާޅުވިއެވެ.

އެގޮތަށް ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފައެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ރޭޕްގެ ތުހުމަތުގެ މައްސަލަ ފައިލްކުރުމާއި، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދައުވާގެ މައްސަލަ ފައިލްކުރުމާއި، ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި ދަށު ކޯޓުގެ ނިންމުން ޕީޖީ ޝަމީމް އިސްތިއުނާފު ނުކުރަން ނިންމެވި މައްސަލައަކީ، ޕީޖީ ކަމުގެ މަގާމުން ޝަމީމު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.