ޕީޖީ އޮފީހުގައި ހުރި އެކިއެކި މައްސަލަތަކާ ބެހޭގޮތުން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި ފަހުން ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި އައްބާސް ޝަރީފް މިއަދު ވިދާޅުވީ، އެ މަގާމާ ހަވާލުވެވަޑައިގަތުމުން، އެކި ގޮތްގޮތަށް ވަަރަށް ގިނަ ފަރާތްތަކުން ޝަކުވާތައް ހުށަހަޅަމުން ގެންދާ ކަމަށެވެ.

އެގޮތުން ސިޓީންނާއި އީމެއިލްއިންނާއި އެސްއެމްއެސްގެ އިތުރުން ފޯނު ކޯލުތަކުން، މައްސަލަތަކާ ބެހޭ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ.

އެހެންކަމުން އެ ޝަކުވާތަކާއި އެކި ފަރާތްތަކުން ފާހަގަކުރަން ބޭނުންވާ އެހެނިހެން ޝަކުވާތައް ޕީޖީ އޮފީހަށް ރަސްމީކޮށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލެއްވީ ކަމަށް އައްބާސް ވިދާޅުވިއެވެ.

"މި ނިންމީ އެ ހުރިހާ ޝަކުވާއަކާއި އަދި އެނޫންވެސް ހުރި ޝަކުވާތައް ފޯމަލައިޒްކޮށްފައި މި އޮފީހުގެ ސިސްޓަމްގެ ތެރެއިން ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން 20 ދުވަހުގެ މުއްދަތަށް ހުޅުވާލަން، މިހާރު ސިސްޓަމްގެ ތެރެއިން ޝަކުވާ ހުށަހެޅޭނެ ގޮތް ހުންނާނީ ހަމަޖެހިފަ، އެހެންވީމަ ވެބްސައިޓް ތެރެއިން ވެސް ޝަކުވާ ހުށަހެޅޭނެ، އޭގެ އިތުރަށް ޕީޖީ އޮފީހުގެ ކޮންމެ ގޮތްޕަކަށް ވަޑައިގެންނެވިޔަސް، މި އޮފީހަށް ވަޑައިގެންނެވިޔަސް ރަސްމީކޮށް ޝަކުވާ ހުށަހެޅޭނެ،" ޕީޖީ އައްބާސް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، އެ ޝަކުވާތަކުގައި އެ އޮފީހަށް ހުށަހަޅާ މައްސަލަތައް ވަކިވަކިން ބެލުމަށްޓަކައި ޕީޖީ ހިމެނޭގޮތުން ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށެވެ.

"އެހެންކަމުން ކޮންމެ މައްސަލައެއް ހުށަހަަޅާއިރު އެ މައްސަލަ ރިވިއު ކުރަންވީ ކީއްވެގެންތޯ، ރަނގަޅަށް ސާފުކޮށް ކިޔައިދޭންވާނެ،" ޕީޖީ ވިދާޅުވިއެވެ.

އެގޮތުން އެ މައްސަލައެއް ރިވިއުކުރަންޖެހޭ ސަބަބުތައް ރަނގަޅަށް ސާފުކޮށް އެނގޭ ގޮތަށް މައްސަލަ ހުށަހެޅުމަށް ޕީޖީ އެދިވަޑައިގެންނެވިއެވެ.

"އެއްވެސް މައްސަލައަކާ ގުޅިގެން ކުރީގަ މި އޮފީހުން ނިންމަވާފައި އޮތް ނިންމެވުމެއް ބަދަލުކުރާ ކަމަށްވަންޏާ އަޅުގަނޑު އެއަށް ބަދަލުގެންނަން އަޅުގަނޑު ނިންމައިފި ހާލަތެއްގައި އެ މައްސަލައެއްގައި ޑިޒިޝަން ބަދަލުކުރީ ކީއްވެގެންކަން އަޅުގަނޑު ޕަބްލިކްގައި ބުނެދޭނަން، އެ ސަބަބު އަޅުގަނޑު ކިޔައިދޭނަން، ކީއްވެގެންކަން،" ޕީޖީ އައްބާސް ވިދާޅުވިއެވެ.

ބަދަލު ނުކުރާ މައްސަލަތައް، އެ ހުށަހެޅުއްވި ބޭފުޅުންނަށް އަންގަވާނެ ކަމަށްވެސް ވިދާޅުވިއެވެ.