ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޕާސަނަލް ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ހަނދާނެއް ނުވާ ކަމަށާއި، ނަމަވެސް އެކަން ބެއްލެވުމަށްފަހު ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން ތަނާޒުލުވާންޖެހޭ ކަންކަމުން ތަނާޒުލުވެވަޑައިގަންނަވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ އިރު، ޕީޖީގެ މަގާމުގައި ހުންނަވައިގެން ޔާމީންގެ މައްސަލަތަކުގައި މަސައްކަތް ކުރައްވާނީ ކޮން ގޮތަކަށްތޯ، މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޕީޖީ އައްބާސް ވިދާޅުވީ ރައީސް ޔާމީންގެ ޕާސަނަލް ލޯޔަރެއްގެ ގޮތުގައި މަސައްކަތްކުރި ހަނދާނެއް ނުވާ ކަމަށެވެ.

"އަޅުގަނޑު ހަނދާންވާ ގޮތުގައި ރައީސް ޔާމީންގެ ޕާސަނަލް ލޯޔާސްގެ ގޮތުގައި އަޅުގަނޑު މަސައްކަތްކުރި ހަނދާނެއް ނުވޭ، ދެން އަޅުގަނޑު ރެކޯޑްސް ބަލައިލަން ޖެހޭނީ، އަޅުގަނޑު މަސައްކަތްކޮށްފަ ހުންނާނީ ޕާޓީގެ ލޯޔަރެއްގެ ގޮތުގައި. އަޅުގަނޑު ކޯޓަށްވެސް ގޮސްފަ ހުންނާނީ ޕާޓީގެ ލޯޔަރެއްގެ ގޮތުގައި، ދެން ޕާޓީގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސް ޔާމީން އަޅުގަނޑާ އެއްކޮށް އުޅެވިފައި ހުންނާނެ،"

އައްބާސް ވިދާޅުވީ، ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މީގެ ކުރިން ކޯޓަށް ގޮސްފައިވާ ނަމަ، ޕީޖީގެ މަގާމުގައި ހުންނަވައިގެން ތަނާޒުލުވާނެ ހާލަތެއް އަންނާނެ ކަމަށެެވެ.

"އެ ހާލަތުގައި އަޅުގަނޑު ތަނާޒުލުވާނަން، މިހާރުވެސް މި އޮފީހުގައި ސިސްޓަމެއް ގާއިމު ކުރެވިފައިވޭ ޕީޖީ ތަނާޒުލުވާ ހާލަތުގައި އެކަމުގައި ފިޔަަވަޅު އަޅާނެ ގޮތްތަކެއް،" ޕީޖީ އައްބާސް ވިދާޅުވިއެވެ.

އެ ހާލަތުގައި ކަންތައް ކުރަން ޕީޖީ އޮފީހުގައި ގާއިމުކޮށްފައިވާ އުސޫލަށް އިތުބާރުކުރައްވާ ކަމަށްވެސް އައްބާސްް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލައާ ބެހޭ އެއްވެސް މަޝްވަރާއެއްގައި އަދި ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. އެފަދަ ކަމެއްގައި ބައިވެރިވުމުގެ ކުރިން އެކަންތައް ބައްލަވައި ތަނާޒުލުވާ ހާލަތެއްގައި ތަނާޒުލުވެވަޑައިގަންނަވާނެ ކަަމަށްވެސް ވިދާޅުވިއެވެ.