ރާއްޖޭގެ މަޝްހޫރު އެއް ބޮޑުބެރު ގްރޫޕް، 1438 ބޮޑުބެރު ގްރޫޕުން މިވަނީ އަނެއްކާވެސް ވަރަށް ހިތްގައިމު ލަވައެއް ދޫކޮށްލައިފައެވެ. މިދިޔަ ބުދަ ދުވަހު ނެރުނު "ބަނަފްސާމާ" ލަވަ އަކީ މިހާރު ރާއްޖޭގައި އެންމެ ޓްރެންޑިން ލަވައެވެ. ޔޫޓިއުބާއި ފޭސްބުކް އަދި ޓިކްޓޮކްގައި ވެސް މިލަވަ ދަނީ ރަސްކަން ކުރަމުންނެވެ. ހަ ދުވަހުގެ ތެރޭގައި ލަވައަށް ޔޫޓިއުބުން ވަނީ 17 ހާހަށްވުރެ ގިނަ ވިއުސް ލިބިފައެވެ.
ލަވައިގެ ލީޑް ރޯލުން ރަޝްފާ އަލީ އާއި 1438ގެ އަހުމަދު ޒާހިލް ނިޒާމް ފެނިގެންދާ އިރު، ލަވަ ކިޔާފައިވަނީ އެ ގްރޫޕްގެ ލީޑް ވޯކަލިސްޓުން ކަމަށްވާ މެހެފޫޒް އިބްރާހީމާއި ހަސަން މުސްފާހާއި ޝިނާން ރަޝީދު އަދި ޝަލަބީ އިބްރާހީމެވެ. ސިނެމެޓޯގްރާފީ އެ ގްރޫޕްގެ ކްރިއޭޓިވް ޑައިރެކްޓަރު ޝާހް ޝާހިދު އަދި އަހުމަދު ސުދައިސް ހަދާފައިވާ އިރު، ވީޑިއޯ ކަލަ ގްރޭޑިން މުހައްމަދު އަލްތާފް އަދި ވީޑިއޯ އެޑިޓިން އަދި ލަވައިގެ މިކްސިން ވެސް ހަދާފައިވަނީ ޝާހުއެވެ.
1438ގެ ފަސް މިނެޓުގެ އެ ލަވައިގައި ދައްކުވައިދެނީ އިހު ޒަމާނުގެ މަންޒަރުތަކެވެ. އިހުގައި ޒުވާނުން ފޫހި ފިލުވުމަށް ކޮށް އުޅުނު ބައެއް މަންޒަރުތަކަށް ދިރުން ގެނެސްދީފައިވާ އިރު، އިހުގައި ހެދުން އަޅާ ގޮތް ވެސް ވަރަށް ފުރިހަމައަށް ޕޯޓްރޭޓް ކޮށްދީފައިވެއެވެ. ތިން ބެރުގެ އެ ހިތްގައިމު ލަވައިގައި އިހުގައި ޒުވާނުން އަށިމަތީގައި ބެރު ޖަހާ މަންޒަރުތަކާ އެކު އިހުގެ ތިން ބެރު ނެށުމުގެ ހިތްގައިމުކަން ވަރަށް ފުރިހަމައަށް ވީޑިއޯގައި ވަނީ ގެނެސްދީފައެވެ.
ދެން އޮތީ ލަވައިގެ ސްޓޯރީއެވެ. މި ލަވައިގެ ސްޓޯރީން ފެނިގެން ދަނީ ސަކަރާތުގައި އުޅުނު ޒުވާނަކަށް ވަލުން ފެންނަ އަންހެން ކުއްޖަކަށް ހިތް ދެވިގެންދާ މަންޒަރެވެ. ރަތް ލިބާހެއްގައި ހުންނަ އަންހެން ކުއްޖާ ފެންނަނީ ހަމައެކަނި އެ ޒުވާނާއަށެވެ. ލަވައިގައި ނިއުޅެމުންދިޔައީ އެ ޒުވާނާ، އެ އަންހެން ކުއްޖާގެ އަވައިގައި ޖެހި، ރޭގަނޑު އެކަނި ބައްދަލުކުރަން ދިއުމުން ދިމާވާ ކަންކަމެވެ. ޖިންނިއެއްގެ އަވައިގައި ޖެހި ލަވަ ނިމިގެން ދަނީ އެ ޒުވާނާއަށް ފަރުވާ ކުރަން ރުގްޔާ ކުރަމުންދާ މަންޒަރުތަކުންނެވެ. ލަވައިގެ ފުރިހަމަ ސިނަމެޓޮގްރަފީ އާއި އެކްޓިންއިން ލަވައިގެ ވީޑިއޯއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ.
ބަނަފްސާމާ، މި ލަވައަކީ ތިން ލަވައެއް އެއްކޮށްލައިގެން ހަދާފައިވާ ހިތްގައިމު ތިންބެރު ލަވައެކެވެ. މި ތިން ލަވަ އެކުއެކީގައި އިހުގައި ވަރަށް ގިނަ ރަށްރަށުގައި ބޮޑުބެރަށް ކިޔައި އުޅުނެވެ. މިހާރު ވެސް ބައެއް ރަށްރަށުގައި މި ތިން ލަވަ އެކުއެކީގައި ކިޔައި އުޅެއެވެ. ނަމަވެސް ކުރީގެ މި ހިތްގައިމު ލަވަތައް ގެއްލިގެންދާ ކަމުގެ ބިރު އޮތީ ބޮޑުވެފައެވެ. މިއީ މި ލަވަ އަލުން ރީކުރިއޭޓްކޮށް ޒަމާނީ ގޮތަށް ގެނެސްދޭން 1438 ބޮޑުބެރު ގްރޫޕުން ނިންމި އެއް ސަބަބެވެ.
"އަޅުގަނޑުމެން ވަރަށް ދުވަސް ވެއްޖެ ބޮޑުބެރުވަންތަ ލަވައެއް ހަދަން އުޅޭތާ. ކުރީގެ ގިނަ ލަވަތައް މިހާރު އަޑު ނުވެސް އިވޭ. ރީތި ބޮޑުބެރު ވަންތައް ލަވަތައް މަޑުމަޑުން އުވިގެންދާ ކަމުގެ ބިރު އޮވޭ. އެހެންވެ އަސްލު މި ލަވަ މި ނެގީ. މިއީ މިހާރު ވެސް ބައެއް ރަށްރަށުގައި ކިޔާ ލަވައެއް. ބޭނުންވީ މިކަހަލަ ލަވައެއް ސްޓޯރީއެއްގެ ގޮތަށް ގެންނަން. އެކަން މިއަދު މި ހާސިލު ކުރެވުނީ،" 1438 ގެ މުއައްސިސް ޖަޒްލާން ޝަރީފް ބުންޏެވެ.
ޖަޒްލާން ބުނި ގޮތުގައި ލަވަ ސެލެކްޓް ކޮށްފައިވަނީ އެންމެންގެ ހިޔާލާ އެކު ކަމަށާއި އަދި ލަވައިގެ ވީޑިއޯއަށް މިފަހަރު ވަރަށް ބޮޑަށް ވިސްނައި ތަފާތު ގޮތަކަށް ގެންނަން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި އެކަން ވަރަށް ކާމިޔާބު ކަމަށާއި އޯޑިއަންސްގެ ފީޑްބެކް ވަރަށް ވެސް ރަނގަޅު ކަމަށެވެ.
"އަބަދުވެސް ނެރޭ ލަވަތަކުގެ މަންޒަރާއި ލަވައިގައި ކިޔާ އެއްޗެހި ދިމާވާ ގޮތަށް ހުންނަނީ. އެހެންވެ އަޅުގަނޑުމެން ނިންމީ މިފަހަރު ކުޑަކޮށް ތަފާތުކޮށްލަން. އެހެންވެ ލަވައިގައި ކިޔާ އެއްޗަކާ ދިމާނުކޮށް، ތަފާތު ސްޓޯރީއެއް ހިމަނައިގެން ލަވަ ގެނެސް މިދިނީ، އޯޑިއަންސްއަށް ތަފާތު އެއްޗެއް ގެނެސްދޭން. އެކަން އޯޑިއަންސް އިން ވެސް ބަލައިގެންފި. ފީޑްބެކްތައް ވަރަށް ސަޅީ،" ޖަޒްލާން ބުންޏެވެ.
ސާދަތިރީސްއަށެއް ބޮޑުބެރު ގްރޫޕުން ބުނި ގޮތުގައި މިއީ މި ލަވައިގެ ސީރީސްގެ ފެށުމެވެ. އިތުރު ލަވަތަކުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ އިރު، ވަރަށް އަވަހަށް އެ ލަވަތައް ސަޕޯޓަރުންނާ ހަމައަށް ގެނެސްދޭނެއެވެ. މީގެ އިތުރުން ވެސް އެ ގްރޫޕުން އަންނަނީ އަމިއްލަ ރާގުގެ ލަވައަކަށް ވެސް މަސައްކަތް ކުރަމުންނެވެ. އެ ގްރޫޕްގެ އުންމީދަކީ ތަފާތު ލަވަތަކާއެކު ބޮޑުބެރަށް ލޯބިކުރާ ހުރިހާ ފަރާތްތަކަކަށް ހިތްގައިމު ރީތި ބޮޑުބެރުވަންތަ ލަވަތަކެއް ގެނެސްދިނުމެވެ.
ފީޗާރޑް
ފީޗާރޑް
ފީޗާރޑް
ފީޗާރޑް