އައްޑޫ ސިޓީގެ މަރަފޫފޭދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާތަކެއް ގެއްލުނު ކަމަށް ތުހުމަތުވާ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައިގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ، އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގެ ވަރަށް ކުރީކޮޅުކަމުން ގެއްލިފައިވާ ކަމަށް ތުހުމަތު ވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ބުނަން ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.

އައްޑޫގެ ނޫހެއް ކަމަށްވާ 'އައްޑޫ ލައިވް' ގައި ރިޕޯޓްކޮށްފައިވާ ގޮތުން ގެއްލިފައިވަނީ 400،000 އަށްވުރެ ގިނަ ރުފިޔާއެވެ. އެ މައްސަލަ ފެންމަތިވީ މި ހަފުތާ ތެރޭގައި ކަމަށްވެސް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.