ޗައިނާއިން ދިގުރާސްތާ ބެލިސްޓިކް މިސައިލެއް ޓެސްޓު ކޮށްފިއެވެ.

ޗައިނާއިން ކާމިޔާބުކަމާއެކު ކުރި އެޓެސްޓުގައި ވަނީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ޕެސިފިކް ކަނޑަށް ވައްޓާލާފައެވެ.

ބެއިޖިންގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުރިން ރާވާފައިވާ ގޮތަށް ކަނޑުގެ ސަރަހައްދަށް މި މިސައިލް ވައްޓާލާފައިވަނީ ޖީއެމްޓީ ގަޑިން 04:44 ގައެވެ.

ޗައިނާއިން އުފައްދާފައިވާ ދިގުރާސްތާ މިސައިލު ދަތުރުކުރި މަގު ހާމަކޮށްފައި ނުވި ނަމަވެސް އަވަށްޓެރި ގައުމުތަކަށް ވަނީ އެޓެސްޓުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

ޗައިނާއިން އަވައްޓެރި ގައުމުތަކަށް މައުލޫމާތު ހިއްސާ ކުރިކަމަށް ބުނި ނަމަވެސް ޖަޕާނުން ވަނީ އެކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް ބުނެފައެވެ.

ޖަޕާނުން ވަނީ އެގައުމުގެ ކަމާބެހޭ އިދާރާތައް ގުޅިގެން އެކަމުގެ މައުލޫމާތު އެއްކޮށް އެ ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ.

ޗައިނާއިން ބައިނަލްއަގުވާމީ ކަނޑުގައި މީގެކުރިން މިފަދަ ބޮޑު ޓެސްޓެއް ކޮށްފައިވަނީ 1980 ވަނަ އަހަރުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.