ގދ. ކަނޑެވާރެހާގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ހޯނޑެއްދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.

ގާތްގަނޑަކަށް 4.6 ހެކްޓަރުގެ ކަނޑެވާރެހާއަކީ ހޯނޑެއްދޫގެ އިހުތިސާސުގެ ތެރޭގައި އޮންނަ އޮންނަ ކުޑަ ރަށެކެވެ.

ހޯނޑެއްދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ކަނޑެވާރެހާގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ ރަށް ކުއްޔަށް ދޭން ނިންމާފައިވަނީ 50 އަހަރަށެވެ. އަދި ބިޑު ކާމިޔާބު ކުރާ ފަރާތަކުން ލީސް އެގްރިމެންޓުގައި ސޮއިކުރާ ދުވަހުން ފެށިގެން ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި ރިސޯޓް ހަދައި ނިންމަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން ރަށުގެ ލީސް އެކުއިޒިޝަން ކޮސްޓަކީ 700،000 ޑޮލަރު ނުވަތަ 10.7 މިލިއަން ރުފިޔާއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ޑޮލަރު ހުށަހަޅަން ޖެހެއެވެ. ރަށަށް ބިޑު ކުރުމުގެ ސުންގަޑި ހަމަވާނީ ނޮވެމްބަރު 17 ގައެވެ.

ހޯނޑެއްދޫ ކައުންސިލުން ތައްޔާރުކޮށް، އިއުލާނާ އެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތުން ކަނޑެވާރެހާގައި ރިސޯޓު ތަރައްގީ ކުރާ ބަޔަކަށް އަހަރަކު ގާތްގަނޑަކަށް 38 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެއެވެ. އަދި ހިންގުމަށް އަދި އެހެނިހެން ކަންކަމަށް ކުރާ ހަރަދު ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އަހަރަކު 19 މިލިއަން ޑޮލަރާއި 22 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބޭނެ ކަމަށް ވެސް ކައުންސިލުން ލަފާކޮށްފައިވެއެވެ.