މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ.

މަރުވެފައިވަނީ ގ. އެއްތެޔޮމާގޭ އަބްދުލް ގަނީ އިސްމާއީލް (62އ.) އެވެ. އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، މިއަދު ހެނދުނު 6:52 ގައި އަބްދުލް ގަނީ އިސްމާއީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް 7:21 ގައި އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވާ ކަމަށެވެ.

އޭނާ މަރުވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އަންގައި އެކަން ކަރެކްޝަންސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން ތަހުގީގުކުރަން ފަށާފައިވާ ކަމަށް ވެސް ކަރެންޝަންސް އިން ބުންޏެވެ.