ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ޕްރޮސިކިއުޓާ ޖެނެރަލް، ޖަސްޓިސް (ރިޓަޔާޑް) އައްބާސް ޝަރީފު އެދިވަޑައިގެންފިއެވެ.

އައްބާސް މިއަދު ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލްއާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި އައްބާސް ވަނީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީން ކުރަމުންދާ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އައްބާސް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބުކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތްކުރުން މުހިންމު ކަމަށެވެ.

އައްބާސް ވިދާޅުވީ ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ވަރުގަދަކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް، ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާ ނަމަ، އެކަމަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ.

ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ އަވަސްކުރެއްވުމަށް އޭސީސީގެ ރައީސްގެ އަރިހުން އައްބާސް ވަނީ އެ ބައްދަލުވުމުގައި އެދިވަޑައިގެންފައެވެ.

ޕީޖީ އޮފީހަށް ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅަނީ އޭސީސީންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އޭސީސީން ތަހުގީގުކޮށް ހުށަހެޅި ފަސް މައްސަލައެއްގައި ދައުވާކުރުމަށް ޕީޖީ އޮފީހުން ވަނީ ކޯޓަށް ފޮނުވައިފައެވެ. އަދި މިއަހަރުގެ މިހާތަނަށް 11 މައްސަލައެއް އޭސީސީން ވަނީ ޕީޖީ އޮފީހުގެ މަޝްވަރާއަށް ހުށަހަޅައިފައެވެ.