ރާއްޖޭގެ އިމާމުންނާ އެކު ފުރަތަމަ ފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ މިއަދު ފަށައިފިއެވެ.
އިމާމުންގެ މަހާސިންތާ ފައްޓަވައިދެއްވީ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ އެ މަހާސިންތާގައި މި ސަރުކާރުން އަލަށް ފެށި ޒުވާން ހާތިބުން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ދަރިވަރުން ހިމެނޭ ގޮތަށް 500 އަށްވުރެ ގިނަ އިމާމުން ބައިވެރިވާ ކަމަށެވެ. އޭގެ ތެރެއިން 300 އިމާމުން ބައިވެރިވަނީ އޮންލައިންކޮށް ކަމަށެވެ.
މިނިސްޓްރީން ބުނީ، މަހާސިންތާގައި އިމާމުންނާއި ގުޅުންހުރި ގިނަ ކަންތައްތަކާއި ގުޅޭ މަޝްވަރާ ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި:
- ތަޖުވީދު އިލްމު
- ތަފްސީރު
- ފިގްހު
- ހަދީސް
- އަގީދާ
- އިމްލީ މައުލޫމާތު
- މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިޔަތު އަދި އެ މަސްއޫލިޔަތު އަދާކުރުމުގައި ހުރި ގޮންޖެހުންތައް
- އިމާމުން އިތުރަށް ތާޒާ ކުރުން
މަހާސިންތާ ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، މިއީ ވަރަށް ބޮޑު ހެޔޮކަމެއްގެ ފެށުމެއް ކަމަށާއި މަހާސިންތާގައި މަޝްވަރާ ކުރާކަންތައްތައް ލަސްތަކެއް ނުވެ ތަންފީޒު ކުރައްވާނެ ކަމަށެވެ.
އަދި އޭނާ މީގެ ކުރިން މިނިސްޓަރު ކަމުގައި ހުންނެވި އިރު އިމާމުންގެ އާ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް ފެއްޓެވި ނަމަވެސް އެކަން މިހާރު އޮތީ ހުއްޓިފައި ކަމަށާއި އެ އޮނިގަނޑުން އެއްވެސް ހައްލެއް ނާންނަ ކަމަށްވެސް ވިދާޅުވިއެވެ.
"އިމާމުންގެ އޮނިގަނޑު ހަމަ އޮތީ އަދިވެސް އޮތް ތަނުގައޭ. އެއަކަށް އަދިވެސް އެއްވެސް ހައްލެ ނާދޭ. އަޅުގަނޑުމެން މި މިނިސްޓްރީގައި ތިއްބާ އެ އޮނިގަނޑުގެ މަސައްކަތް ފެށީ ވެސް. އެހެންވީމާ އެ އޮނިގަނޑު ނިންމުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އަޅުގަނޑުމެންގެ އެބަހުރި،" ޝަހީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު