ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީކުރުމަށް އެމްޕީއެލް އާއި އިހަވަންދޫ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިހަވަންދޫގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހް ވިދާޅުވީ އިހަވަންދޫގައި ތަރައްގީކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމްގެ ހިދުމަތްތަކުގެ މުހިންމު ބައެއް ކަމަށެވެ. އަދި އެމްޕީއެލްގެ އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑާއި ސްލިޕްވޭގެ އަމަލީ މަސައްކަތް ފެށުން ކަމަށް ވެސް ވިދާޅުވިއެވެ.
"ލަސްތަކެއް ނުކޮށް މިކަމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ވަޖީހް ވިދާޅުވިއެވެ.
ވަޖީހް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ހިދުމަތްތައް ފަށާއިރު ހުރިހާ ކަމެއް ފުރިހަމަ ނުވިޔަސް، އެކަން ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"މިފަދަ ކަމެއް ފަށާއިރު ހުރިހާ ކަމެއް ފުރިހަމައެއްނުވާނެ. ފަށާއިރު ހުންނާނެ މައްސަލަތައް. އެކަމަކު ރާއްޖެ މިއޮތް ޖިއޮގްރަފިކަލް ލޮކޭޝަންއިން އަޅުގަނޑުމެންނަށް މިކަމުގެ ފައިދާނެގޭނެ. މިއަދަކު، މާދަމާ ނުވިޔަސް، މިކަމުން [ރާއްޖެ] އަށް ފައިދާ ލިބޭނެ،" ވަޖީހް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލްގެ ރައީސް ސޮބާހު ވިދާޅުވީ އެ ރަށުގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީކުރުން އެ ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
"ވަޒީފާގެ ފުރުސަތުތަކެއް [ރަށުގައި] އެބަ އުފެދޭ މިކަމުން. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުން،" ސޮބާހް ވިދާޅުވިއެވެ.
އެމްޕީއެލުން ބުނީ އިހަވަންދޫގައި ޑޮކްޔާޑާއި ސްލިޕްވޭއަކީ ތަރައްގީކުރަނީ އުތުރު މެރިޓައިމް ސާވިސް (ޔޫއެމްއެސް) ގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
އެމްޕީއެލް އިން ވަނީ ހއ. އުލިގަމުގައި އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް ގާއިމްކޮށްފައެވެ. އަދި އެ އަތޮޅު ތުރާކުނުގައި ވޯޓާ ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ފެން ބާޖް ބޭއްވުމަށް ވަނީ އެ ރަށު ކައުންސިލްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު