މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން ވޭސްޓް މެނޭޖުމަންޓް ކޯޕްރޭޝަން (ވެމްކޯ)އަށް ޕްލާސްޓިކް ރީސައިކަލްކުރާ ވަސީލަތްތަކެއް ހަދިޔާކޮށްފިއެވެ.

މޯޕާއަކީ ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރައްކާތެރިކަމާއެކު އަލުން ބޭނުންކުރުމަށް މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި ވަސީލަތްތައް އެއްކޮށް، ޕާޓްނާޝިޕްތައް ގާއިމުކޮށް، ސްޓޭކްހޯލްޑަރުން ބައިވެރިކުރުމަށާއި، މުޖުތަމައުތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ހަމައެކަނި ގައުމީ އެންޖީއޯ އެލަޔަންސެވެ.

ވެމްކޯ ސައިޓުގައި މިއަދު ބޭއްވި ހާއްސަ ހަފުލާގައި އެ ތަކެއްޗާ ވެމްކޯގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ކޯޕަަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ. ހަތަރު ޕިކަޕު ހިމެނޭހެން އެ ތަކެތި މޯޕާގެ ފަރާތުން ހަދިޔާކޮށްދެއްވީ ޖަމިއްޔާގެ ރައީސް އަހުމަދު މައުމޫނެވެ.

ކޮކާކޯލާ ފައުންޑޭޝަނާ ގުޅިގެން މޯޕާ އިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ޕްލާސްޓިކް ފުޅި ކޮމްޕެކްޓްކުރަން ބޭނުންކުރާ ހަތަރު ބެއިލަރާއި ހަތަރު ޕިކަޕާއި އަދި ގިނަ އަދަދެއްގެ ނެޓް ބޭގް ހިމެނެއެވެ.

މާލެއިން އުކާލާ ގިނަ އަދަދެއްގެ ޕްލާސްޓިކް މޯޕާއިން އަންނަނީ މިހާރުވެސް މެނޭޖުކުރަމުންނެވެ. މިއަދު ހަދިޔާކުރި ތަކެއްޗާއެކު އަތޮޅުތަކުގެ ބޮޑު އާބާދީއަކުން އުކާލާ ޕްލާސްޓިކު ރައްކާތެރިގޮތުގައި ރީސައިކަލްކުރާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

"މި ހަތަރު ޓްރަކް ބޭނުންކުރަން ގަސްތުކުރަނީ އައްޑޫ ހިތަދޫ، ފުވައްމުލަކު ސިޓީ އަދި ލ. އަތޮޅުގައި، ހިދުމަތް ފަށާއިރު ފުނަދޫ އާއި ގަމުގައި ބޭނުންކުރާނެ،" މުޖުތަބާ ވިދާޅުވިއެވެ.

އެ ހަފުލާގައި މައުމޫން ވިދާޅުވީ، ފާއިތުވި ހަތަރު އަހަރުގެ ތެރޭ 500 އެމްއެލްގެ 12 މިލިއަން ފުޅި މޯޕާއިން އެއްކުރި ކަމަށެވެ. އެއީ 239 ޓަނުގެ ޕްލާސްޓިކެވެ.

މިއަދު ހަދިޔާކުރި ތަކެއްޗާއެކު ރާއްޖޭގެ އާބާދީގެ 65 ޕަސަންޓުން މޯޕާއިން ޕްލާސްޓިކް ފުޅި އެއްކުރާނެ ކަމަށާއި އަތޮޅުތަކުގެ 35،000 މީހުންގެ އާބާދިއަށް މޯޕާގެ ހިދުމަތް މިހާރު ފުޅާކޮށްފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ.