ރާއްޖެ އަންނަ ޓޫރިސްޓު އޮކިއުޕަންސީ ރޭޓާއި ޓޫރިސްޓުން ހޭދަކުރާ ދުވަސް އަދި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ އަދަދު އިތުރުކުރަން އެ ސިނާއަތުން މަސައްކަތްތަކެއް ކޮށްދިނުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެދިވަޑައިގެންފިއެވެ.
މިނިސްޓަރު މިކަމަށް އެދިވަޑައިގަތީ ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން ނެރޭ މަޖައްލާ، ހޮޓަލިއާ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކްރޮސްރޯޑްސްގައި މިއަދު ފެށި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ފޯރަމް، "ޖީއެމް ފޯރަމް 2024" ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން މިހާރު މަސައްކަތް ކުރަން ޖެހެނީ ހަމައެކަނި ގައުމަށް އަންނަ ޓޫރިސްޓުން އިތުރުކުރަން ނޫން ކަމަށެވެ.
މިއަހަރު ނިމޭއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދެ މިލިއަން ފަހަނަ އަޅައިދާނެކަމުގެ ޔަގީންކަން އެބައޮތް ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ލަޑުދަނޑި ހާސިލްކުރެވެނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާ އެކުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، 2027 ވަނަ އަހަރު އަންނަ އިރު، ރާއްޖޭގެ ޓޫރިޒަމުން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރާ ހަމައަށް ގެންދިޔުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އެކަމަށް މަސައްކަތްތަކެއް ކޮށްދިނުމަށް އޭނާ ވަނީ މި ސިނާއަތުގައި ހިމެނޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.
އިތުރަށް ފައިސަލް ވިދާޅުވީ ސިނާއަތުގެ ފަރާތްތަކުން ރާއްޖެ އިޝްތިހާރުކުރުމާއި ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ވެސް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ޓޫރިސްޓުން ރާއްޖޭގައި ކުރާ ހޭދަ އިތުރުކުރަން ޖެހޭ ކަމަށާއި އެކަންކުރަން ދިވެހި ވިޔަފާރިތަކާއި ހުނަރުވެރިންނަށް ޓޫރިޒަމް ސިނާއަތުން ފުރުސަތު މިހާރަށް ވުރެ ބޮޑަށް ލިބެން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީއާ އެކު ރާއްޖޭގެ ޓޫރިޒަމްގެ އިޝްތިހާރުކުރުން އަމާޒުކުރަންވީ އޮކިއުޕަންސީ ރަނގަޅުކުރުމާ އެކު ޓޫރިސްޓުން ރާއްޖޭގައި ތިބޭ ދުވަސް އިތުރުކުރަން ކަމަށާއި ރާއްޖޭގެ ޓޫރިޒަމްގެ އިޝްތިހާރުކުރުމުގައި ވެސް ހަމައެކަނި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުކުރުކުރުމުގެ އިތުރަށް އޮކިއުޕަންސީ ރޭޓާއި ރާއްޖޭގައި ޓޫރިސްޓުން ތިބޭ ދުވަހުގެ އަދަދު އިތުކުރަން މަސައްކަތްކޮށްދިނުމަށް އިންޑަސްޓްރީގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމްގެ މާސްޓާ ޕްލޭންގައިވާ ގޮތަށް ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކުރާ އިރު، ތިމާވެއްޓަށް ގެއްލުން ނުވާނޭ ގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތް ކުރިއަށް ގެންދަން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި ޓޫރިޒަމްގެ މަންފާ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގެންދިޔުމަކީ ވެސް ސަމާލުކަން ދޭން ޖެހިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު