މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް އެއްލައްކަ ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޒަކާތު ހައުސްއެއްގެ ގޮތުގައި ވަކި އިދާރާއެއް ހަދަން ސަރުކާރުން ނިންމާފައިވަނީ ރައީސް އޮފީހުގައި 2023 ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެސް ޒަކާތު ހައުސްއެއް އުފައްދަން ހިމަނާފައިވާ އިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ރާއްޖޭގެ ޒަކާތު ހައުސް އެ މަނިކުފާނު އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ.
ރާއްޖޭގެ ޒަކާތު ހައުސް ރައީސް ޑރ. މުއިއްޒު އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މި އަހަރުގެ ޖެނުއަރީ 2 ވަނަ ދުވަހު ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ޒަކާތުހައުސްއަކީ ރައީސްގެ މެނިފެސްޓޯގައި ވަރަށް މުހިންމު ކަމެއްދެއްވާފައިވާ ކަމެއްކަމަށާއި ރައީސް އަމިއްލަފުޅަށް މި ވެރިކަމުގެ ވަރަށް ކުރީކޮޅުގައި ހުޅުވައިދެއްވި ޒަކަތުހައުސްގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭ ކަމަށެވެ.
"ﷲގެ ހެޔޮރަހުމަތްފުޅާއެކު ވަރަށް ކާމިޔާބުކަމާއެކު ޒަކަތުހައުސްގެ މަސައްކަތް ކުރިއަށްއެބަދޭ. ވޭތުވެ ދިޔަ 15 އަހަރުގެތެރޭގައި ނުކުރެވޭ ވަރަށް ޒަކާތަށް ހޭލުންތެރިކަން އިތުރުކުރުވުން ބައިވެރި ވުމަށް އެހީ ވުމަށްޓަކާ އެއްލައްކަ ޑޮލަރުގެ ހަދިޔާއެއް ރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްއެބަދޭ. އެއީ ބޭރުގެ ފަރާތަކަށް ފޮނުވާއިރުގައި ވަރަށް ގިނަ އިޖުރާއަތްތައް ފުރިހަމަ ކުރަން އެބަޖެހޭ" ޝަހީމް ވިދާޅުވިއެވެ
އެ ފައިސާ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އިސްލާމީ އުންމަތުގެ ރައްޔިތުންނަށް ފޮނުވުމަށް ގަތަރުގެ ރެޑްކްރެސެންޓާ ގުޅިގެން އެއްބަސްވުމެއް ގާއިމްކޮށް އެޓާނީ ޖެނެރަލްގެ ލަފައާއިއެކީގައި މަސައްކަތްކުރަމުންގެންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު