ކ. ތިލަފުށިން ފެށިގެން އުތުރު ތިލަފަޅާ ދެމެދު އަޅާ ބްރިޖުގެ ޕްރީ-ފީޒިބިލިޓީގެ މަސައްކަތް ކުރަން ސަރުކާރުން ޗައިނާގެ އޭޝިއާ އިންފްރާންސްޓްރްކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އާއެކު މަޝްވަރާކޮށްފިއެވެ.

މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިރާވަރާއި އުތުރުތިލަފަޅާ ދެމެދު ބުރިޖު އެޅުމުގެ މަސައްކަތް 2026 ވަނަ އަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަޝްރޫއުއަށް ފައިސާ ހޯދުމަށް އޭއައިއައިބީއާ މަޝްވަރާކޮށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ދުވަހު ރައީސް ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ބުނީ، ތިލަފުށިން ފެށިގެން އުތުރު ތިލަފަޅާ ހަމައަށް ބްރިޖަކުން ގުޅާލުމުގެ މަސައްކަތުގެ ޕްރީ-ފީޒިބިލިޓީ ދިރާސާއާ ގުޅޭ ގޮތުން އޭއައިއައިބީގެ އޮފިޝަލުންނާ އެކު މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އިއްޔެ މަޝްވަރާ ކުރައްވާފައިިވާ ކަމަށެވެ.

އެ މަޝްރޫއަކީ ގްރޭޓާ މާލޭ ރީޖަން ގުޅާލައި އިގްތިސޯދީ ގޮތުން ކުރިއެރުން އަންނާނެ މަޝްރޫއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުތުރުތިލަފަޅުން ބައެއް ހާއްސަ ކުރަން ނިންމީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވީ މީހުންނާއި ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 20 އަހަރުވީ މީހުންނަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް އުތުރުތިލަފަޅުން ގޯތި ނުދީ، ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ނިންމިއެވެ.