ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ ބީއެމްއެލްއަކީ ވަރަށް ގިނަ އާންމުންނާ ވިޔަފާރިވެރިންގެ ދިރިއުޅުމާއި ގުޅިފައިވާ ތަނެއް ކަމަށާއި އެއީ އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަންޖެހޭ ތަނެއް ކަމަށެވެ.

"ސަރުކާރުންވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ބީއެމްއެލްއަށް ކުރާ އިތުބާރު ގެއްލިއްޖެނަމަ އެއީ މުޅި މުޖަތަމައަށް ލިބޭނެ ބޮޑު ދެރައެކެވެ. އެއީ ރައްޔިތުންގެ ބޭންކެވެ،" ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު އެހެން ވިދާޅުވި އިރު، ކާޑުގެ ޑޮލަރު ލިމިޓާ ގުޅޭ ގޮތުން ބީއެމްއެލް އިން ނިންމި ނިންމުމާ އެކު، އެއީ ސަރުކާރު ވައްޓާލަން އެ ބޭންކުގެ ތެރެއިން ހިންގަން އުޅުނު ބަގާވާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ ތުހުމަތުގައި އެ މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކާ ސުވާލުކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފެންމަތިވި ފަހުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ރާއްޖޭން ބޭރަށް ވަޑައިގެން، އިސްތިއުފާ ވަނީ ހުށަހަޅުއްވައިފައެވެ. އަދި ސަރުކާރުން އިއްޔެ ވަނީ ބީއެމްއެލްގެ ޗެއާމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އައްޔަންކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ނަން ފޮނުވައިފައެވެ.