އެއްވެސް ދަތިކަމެއް ނެތި ކުރިއަށްއޮތް ތަނުގައި ވެސް ދަރިވަރުންނަށް ސްޓޫޑަންޓް ލޯނުގެ ފައިސާ ދައްކަމުންދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދާދިފަހުން ސޯޝަލް މީޑިއާގައި ބައެއް ދަރިވަރުން ވަނީ ސްޓޫޑަންޓް ލޯނުގެ ފައިސާ ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން ކިޔެވުން ކުރިއަށްގެންދިއުމަށް އުނދަގޫތަކެއް ކަމަށް ހުރިކަން ވެސް އެ ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ދަރިވަރުންގެ ސްޓޫޑަންޓް ލޯނު ދެއްކުމުގެ މަސައްކަތަކީ ސަރުކާރުން އެންމެ އަހައްމިއްޔަތުކަމެއް ދީގެން ކުރާ އެއް މަސައްކަތް ކަމަށެވެ.

"ދަރިވަރުންނަށް ދަތިތައް ކުރިމަތިނުވާނެ ގޮތަށް އެކަން ކުރައްވާނެ. އެހެންވީމާ އެކަމުގައި މިހާތަނަށް މަސައްކަތްކުރައްވަމުން ގެންދަވަނީ އެގޮތަށް. އިރާދަކުރެއްވިއްޔާ ސްޓޫޑަންޓް ލޯނު ކުރިއަށްއޮތް ތަނުގައި ލިބެމުންދާ ގޮތަށް އެއްވެސް ދައްޗެއް ނެތި ލިބެމުންދާނެ،" އޭނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކިޔަވާ ކުދިންގެ ލޯނަކީ އެ ކުދިންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް އެކުދިންނަށް ގަވާއިދުން ދެއްކެމުންދާ އެއްޗެއްގެ ގޮތަށް، އެކަމުގެ އަހައްމިއްޔަތުކަން ދީގެން އެކަން ކުރިއަށްގެންދިއުން ކަމަށެވެ.