ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ހިދުމަތް މި މަހު 19 ވާ ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެފައިވާ ކަމަށާއި ފުރަތަމަ ދުވަހުވެސް ކަސްޓަމަރުން ލިބޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވަޖީހު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެ ނިމިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭނުގައި މިހުރި ގޮތުންވެއްޖިއްޔާ މި މަހުގެ 19 ވަނަ ދުވަހު ބަންކަރިން މަސައްކަތް ފެށޭނެ އިރާދަކުރެއްވިއްޔާ." ވަޖީހު ވިދާޅުވިއެވެ.

ބަންކަރިންގެ ހިދުމަތާއެކު، އެމްޕީއެލުން މެރިޓައިމްގެ 14 ހިދުމަތެއް ބޯޓުތަކަށް ފޯރުކޮށްދޭނެ ކަމަށް ވަޖީހު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޕައިލެޓް ސާވިސްއާއި ކްރޫ ބަދަލުކުރުމާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި އެއް ބޯޓުން އަނެއް ބޯޓަށް ހިދުމަތް ދިނުމާއި މެއިންޓަނަންސް ހިދުމަތަކާއި ޓަގް ހިދުމަތްތަކާއި ޑޮކިން ހިދުމަތްތަކާއި އަންޑަވޯޓާ ސާވިސްއާއި ވޭސްޓް މެނޭޖުމެންޓް ސާވިސް ފަދަ ހިދުމަތްތައް ހިމެނެއެވެ.

ވަޖީހު ވިދާޅުވީ، އަމާޒަކީ، ރާއްޖޭގެ ބަންކަރިން ހިދުމަތަކީ، ދުނިޔޭގެ ބަންކަރިންގެ ހިދުމަތުގެ ބޮޑު ހިއްސާއެއް އޮތް ހިދުމަތަކަށް ހެދުން ކަމަށެވެ.

ވަޖީހު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބަންކަރިންގެ ހިދުމަތްތައް ބައިނަލްއަގުވާމީ މީޑިއާތަކުގައިވެސް އިޝްތިހާރުކުރާނެ ކަމަށާއި އެކަމުންވެސް އިތުރު ކަސްޓަމަރުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށް ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލް ގްރޫޕްއާއެކު އެސްޓީއޯއިން ވަނީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބަންކަރިންގެ ވިޔަފާރީގައި ވިޓޯލްގެ ދައުރަކީ އެސްޓީއޯގެ ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރުތައް އިޝްތިހާރުކުރުމެވެ. ވިޓޯލް އިން ވަނީ އެ ކުންފުނީގެ ބަންކާސް މެޕުގައިވެސް ރާއްޖެ ހިމަނައިފައެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ބަންކަރިންގެ ހިދުމަތް ފަށަނީ ދެ ބާޖާއެކު، އޮފްޝޯކޮށެވެ.

ސަރުކާރުން ވަނީ ބަންކަރިންގެ ހިދުމަތުގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް 400 މިލިއަން ޑޮލަރު އިގުތިސޯދަށް ވަންނާނެ ކަމަށް ލަފާކޮށްފައެވެ.