ރާއްޖޭގެ އުތުރުން، އިހަވަންދިއްޕޮޅުގައި މި މަހު ފަށާ ބަންކަރިންގެ ހިދުމަތުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ގިނަ މަޝްރޫއުތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި، ވަޖީހު ރޭ ވިދާޅުވީ، ބަންކަރިންގެ ހިދުމަތް ފެށުމަށް ލަސްތަކެއްވީ ނަމަވެސް، މި މަހުގެ 19 ވަނަ ދުވަހު އެ ހިދުމަތް ފަށާނެ ކަމަށެވެ. އަދި އެ ދުވަހުވެސް ކަސްޓަމަރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަންކަރިންގެ ހިދުމަތާއެކު، އެމްޕީއެލުން މެރިޓައިމްގެ 14 ހިދުމަތެއް ބޯޓުތަކަށް ފޯރުކޮށްދޭނެ ކަމަށް ވަޖީހު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޕައިލެޓް ސާވިސް އާއި ކްރޫ ބަދަލުކުރުމާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި އެއް ބޯޓުން އަނެއް ބޯޓަށް ހިދުމަތް ދިނުމާއި މެއިންޓަނަންސް ހިދުމަތަކާއި ޓަގް ހިދުމަތްތަކާއި ޑޮކިން ހިދުމަތްތަކާއި އަންޑަވޯޓާ ސާވިސްއާއި ވޭސްޓް މެނޭޖުމެންޓް ސާވިސް ފަދަ ހިދުމަތްތައް ހިމެނެއެވެ.
"އެ ހިދުމަތްތައް ދިނުމަށް މިހާރު މިވަނީ ފުރިހަމައަށް ތައްޔާރުވެފައި." ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ ބަންކަރިންގެ ހިދުމަތް މިވަގުތަށް އޮފްޝޯކޮށް ފެށި ނަމަވެސް އެ ހިދުމަތް އެއްކޮށް ފުރިހަމަވެގެންދާނީ ޝޯކޮށް، (ލޭންޑުން) އެ ހިދުމަތް ފޯރުކޮށްދެވުމުން ކަމަށެވެ. އެ ބޭނުމަށްޓަކައި، ހޯރަފުށީ ފަޅު ހިއްކައިގެން އެ ފަޅުގައި ޕޯޓެއް ހަދާނެ ކަމަށެވެ. އެތަނުގައި އޮއިލް ޓާމިނަލެއްވެސް ހަދާނެ ކަމަށް ވިދާޅުވިއެވެ.
"އިންޓަނޭޝަނަލް ޕޯޓެއްގެ ވާހަކަ މި ދައްކަނީ. މި ޕޯޓުން އަޅުގަނޑުމެން އެހެނިހެން ހިދުމަތްތައް ފޯރުކޮށްދޭނަން. މިސާލަކަށް ޓްރާންސްޝިޕްމަންޓް ކާގޯ. މިކަމަކީވެސް ކޮންމެހެން ކުރަންޖެހިފައި، ނުކުރެވި އޮތްކަމެއްގެ ވާހަކަ މިދައްކަނީ. އެއާއެކު އަޅުގަނޑުމެން އެތާނގައި ބިޒްނަސް ސެންޓަރެއް ގާއިމުކުރާނަން. ތައްޔާރުކޮށްފައި އެތަން ވިޔަފާރިކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދޫކޮށްލާނީ،" ވަޖީހު ވިދާޅުވިއެވެ.
ވަޖީހު އިތުރަށް ވިދާޅުވީ، ޕޯޓް ކްލަބް ހައުސްއާއި ބޮންޑެޑް ވެއާހައުސްތައް ގާއިމްކުރުމަކީ އަމާޒެއް ކަމަށެވެ.
"މީގެ ބޭނުމަކީ ބަންކަރިންނަށް ނުވަތަ ރިޕެއާ އެންޑް މެއިންޓަނެންސަށް ބޯޓެއް ކައިރިކުރީ. ކައިރިކުރީމާ ބޯޓުގެ ކުރޫއިން ފައިބައިގެން އެ މީހުން ބޭނުންވާނެ ރާއްޖޭގެ މާހައުލު ބަލާލަން. އެންޖޯއި ކޮށްލަން. އެހެންވީމާ އެ މީހުންނަށް ހިދުމަތް ދެވޭނެ ލައުންޖެއް ގާއިމްކުރާނަން" ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ދަށުން، ޑީޕް ސީ މެއިންޓަނެންސަށް ހާއްސަ ޓާމިނަލެއް ހއ. އިހަވަންދޫގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ރަށުގައި ޑޮކްޔާޑެއްވެސް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ.
ވަޖީހު އިތުރަށް ވިދާޅުވީ، އުލިގަމަކީ، ގިނަ އަދަދެއްގެ ޔޮޓުތަކެއްދާ ރަށަކަށްވާތީ އެ ރަށުގައި ޔޮޓު މެރީނާއެއް ގާއިމްކުރަންވެސް ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމަށް މިހާރު ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު