މާލެ ކައިރީގައި އޮންނަ ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު ހޯދުމަށް އިންޓަޕޯލްގެ ޔެލޯ ނޯޓިސްއަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިންޓަޕޯލްގެ ޔެލޯ ނޯޓިސްއަކީ ގެއްލިފައިވާ މީހުން ހޯދުމަށް ނެރޭ ނޯޓިސްއެކެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ތަސްލީމް ގެއްލުނު ކަމުގެ ރިޕޯޓް ލިބިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ 13:20 ހާއިރު ކަމަށެވެ. އަދި އެވަގުތުން ފެށިގެން ތަސްލީމް ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ.

އެގޮތުން ތަސްލީމް ދަތުރުގޮސް އުޅުނު ފަސްގަނޑު ބަލައިފާސްކޮށް ފުލުހުންގެ ޑައިވިން ޓީމް ވަނީ ފަސްގަނޑު ހިމެނޭ މޫދު ސަރަހައްދު ޑައިވްކޮށްގެން ބަލައިފައެވެ. އަދި އެމްއެންޑީއެފްގެ ޑަންވިން ޓީމުން ވަނީ 943،998 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހުވަފެންފުށި ކައިރީ އޮތް ފަސްގަނޑަށް ދަތުރު ދިއުމަށްޓަކައި މި ދަތުރުގެ ބައިވެރިން ފުރާފައިވަނީ އޮގަސްޓް 29 ވަނަ ދުވަހުގެ 17:00 އާއި 17:30 އާ ދޭތެރޭ ވަގުތެއްގައި މާލޭގެ ދެކުނު ފަރާތު ބަނދަރުން ކަމަށެވެ. އަދި މި ދަތުރު ގޮސްފައިވަނީ ތަސްލީމް ހިމެނޭހެން ޖުމުލަ 25 މީހުންނާއި ދެ ކުޑަކުދީން ކަމަށެވެ.

މިދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަން ދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓް ޕާޓީއެއް ބޭއްވުމަށް ގޮސްފައިވާ ދަތުރެއް ކަމަށާއި މިދަތުރުގައި ތަސްލީމް ބައިވެރިފައިވަނީ ދަތުރު ރޭވި މީހުންގެ ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕާއި ލައިޓިންގެ ކަރަންޓް މަސައްކަތް ކުރުމަށް ކަމަށް ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މީގެއިތުރުން، ފަސްގަނޑަށް ތަސްލީމް ހިމެނޭ ގްރޫޕް ދަތުރު ދިޔައިރު، އިތުރު ބަޔަކު ފަސްގަނޑަށް ދަތުރު ގޮސް ތިބިކަމާއި އޮގަސްޓް 29 ވަނަ ދުވަހުގެ 00:00 އާ ހަމައަށް ތަސްލީމް ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އަދި 00:00 ގެ ފަހުން ތަސްލީމް ދަތުރު ދިޔަ މީހުން ޓެންޓް ޖަހާފައި ހުރި ސަރަހައްދުގައި ނިދާފައި އޮތް ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ދަތުރުގައި ނަގާފައިވާ ބައެއް ފޮޓޯތަކުން ފެނިފައިވެއެވެ. އަދި 30 ވަނަ ދުވަހުގެ ހެނދުނު ވަގުތުތަކުގައި ވެސް ތަސްލީމް ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ތަހުގީގަށް ލިބިފައިވެއެވެ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ތަސްލީމް އެންމެ ފަހުން ފެނިފައިވަނީ އޮގަސްޓް 30 ވަނަ ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދޭތެރޭގައި ކަމަށާއި އޭގެ ކުރިން ތަސްލީމް މާލެ ދާން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ ދުވަހުގެ 10:00 އާއި 11:00 އާ ދޭތެރޭ މާލެއަށް ފުރި ލޯންޗެއްގައި ތަސްލީމް ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާތީ، އޭނާ އެހެން ލޯންޗެއްގައި މާލެ ގޮސްފައިވޭތޯ ބެލުމަށް ތަސްލީމްގެ އާއިލާއަށް ގުޅައި މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަސްލީމް މާލެ ނުދާ ކަމަށް އާއިލާއިން މައުލޫމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތަސްލީމާ އެކު ދަތުރު ދިޔަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށާއި އަދި އެ ފަސްގަނޑަށް ދަތުރުދިޔަ އަނެއް ގްރޫޕްގެ 12 މީހަކާ ސުވާލުކޮށްފައިވާ ކަމަށެވެ. ތަސްލީމްގެ ފޯނާއި ލެޕްޓޮޕް ތަހުލީލު ކުރަން ފަށާފައިވާ ކަމަށާއި ދަތުރުދިޔަ ދެ ލޯންޗް ވެސް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މީގެ އިތުރުން ތަސްލީމް މާލޭގައި އާންމުކޮށް ގޮސްއުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާ އިރު، ތަސްލީމް ހޯދުމަށްޓަކައި އިންޓަޕޯލްގެ ޔެލޯ ނޯޓިސްއަށް ވަނީ އެދިފައި،" ފުލުހުން ބުންޏެވެ.

ފުލުހުން މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާއިރު، މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ވަނީ ތަސްލީމްގެ އާއިލާއާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތުވެސް ފުލުހުން ވަނީ އާއިލާއާ ހިއްސާކޮށްފައެވެ.